އެމްޑީޕީގެ އިސްލާހީ މަސައްކަތް އެންމެ ގާތުން ފޮޓޯ ނަގައި އެ ހަރަކާތްތަކުގައި އަމަލީގޮތުން އުޅުނު އެއްފަރާތް ކަމަށްވާ ޖައުހަރީ ނިޔާވުމާ ގުޅިގެން ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޖައުހަރީ ނިޔާވެފައި އޮއްވާ ފެނުނީ, މިއަދު މާލޭގެ އުސްފަސްގަނޑާއި ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށެވެ.

އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖައުހަރީ ނިޔާވުމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު މިރޭ އެކްސްގައި ވިދާޅުވީ, ޖައުހަރީ އަކީ އިސްލާހީ އެންމެހާ މަސައްކަތްތައް ކަވަރު ކޮށްދިން ވަރުގަދަ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި އޭނާއަކީ ހުނަރުވެރި ކުޅަދާނަ ފޮޓޯގްރަފަރެއްކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޖައުހަރީ ނިޔާވުމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ, ޖައުހަރީ އަކީ ސިޔާސީ އިސްލާހީ މަސައްކަތުގެ ފާހަގަކޮށްލެވޭ ބައިވެރިއެއް ކަމަށާއި އަދި އެމްޑީޕީއަށް އަގުހުރި ޚިދުމަތްތަކެއްކޮށްދިން ކުޅަދާނަ ފޮޓޯގްރާފަރެއް ކަމަށެވެ.

އަދި ދެބޭފުޅުން ވެސް ވަނީ ޖައުހަރީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން