އިނަރ މޯލްޑިވްސް ފިރާގު ޗާޓަރ ކުރެއްވި މޯލްޑިވިއަންގެ މަތިންދާބޯޓަށް އޭނާއަށް އޮޅުވާލައިގެން ކާގޯ އަރުވައި، ފައިސާ ނަގައިގެން މޯލްޑިވިއަނުން ކުރީ ބޮޑު ވައްކަމެއް ކަމަށް ބުނެ ފިރާގު ރަތަށް އަރައިގެން ސޯޝަލް މީޑިއާގައި ގައުމީ އެއަރލައިން ބޭޒާރުކޮށްލައިފިއެވެ.

އިނަރ މޯލްޑިވިސްގެ ވެރިޔާ މުހަންމަދު ފިރާގް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ މާލެއިން މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް އޭނާ ޗާޓަރ ކުރި ފްލައިޓަކުން އޭނާއަށް އެނގިގެން ގެންދިޔައީ ހަމަ އެކަނި ފަންސާހަކަށް މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މެލޭޝިޔާގެ ޔުނިވަރސިޓީ ތަކުގައި ކިޔަވާ ދިވެހި ކުދިންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން މެލޭޝިއާއަށް އަދިވެސް ދަތުރުތައް ނުފަށާތީ އެގައުމަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ކިޔަވާ ކުދިންނެވެ.

ފިރާގު ވަރަށް ހިތްހަމަޖެހިވަޑައި ނުގެން ވިދާޅުވީ އޭނާގެ އަމިއްލަ ޚަރަދުގައި ޗާޓަރ ކުރެއްވި ފްލައިޓަކަށް އޭނާއަށް ނުވެސް އެނގި އަދި ހުއްދަ ވެސް ނުނަގައި ގައުމީ އެއާލައިން، ހިންގާ އައިލެންޑް އޭވިއޭޝަނުން ކާގޯއަރުވައި، އެކާގޯއަށް އަގުނަގައިގެން ހެޔޮ ނިޔަތުގައި ބޮޑު ވައްކަމެއް ކޮށްފައިވާ ކަމަށެވެ.

"މަގޭ ޗާޓަރަށް މިއަދު ކުއަލަ ލަމްޕޫރަށް އެއަރބަސް 320 އެއް 50 ކުދިން ގޮވައިގެން ދިޔައީ. މަށަށް ނޭނގި ކާގޯކޮޅު ވިއްކާލާފަ ލާރިނެގީ، މިފަހަރު މި ކުރެވުނީ (ޗާޓަރ ކުރެވުނީ) ގޮނޑިތަކުގެ މަތީބައި އެކަނި ޗާޓަރެއް. ހުސްވަގުން. ހެޔޮ ނިޔަތުގަ ކަޅާކޮށްލީ." ފިރާގުގެ ފޭސްބުކް ޕޯސްޓެއްގައި ލިއުއްވާފައި ވެއެވެ.



ފިރާގު ވިދާޅުވީ ކިޔަވާ ކުދިބަޔަކު މާލޭގައި ނުދެވި ތިއްބާ އޭނާ ރިސްކް ނަންގަވައިގެން ފްލައިޓެއް ޗާޓަރ ކުރެއްވީ އެކުދިން ގެންދިއުމަށް ކަމަށެވެ.

"ކުދިންކޮޅެއް މިތާގައި މެލޭއަށް ނުދެވިގެން އުޅެނިކޮށް އަހަރެން ރިސްކް ނަގާފަ މިކަން ކުރީމަ ކަށްވާލީ. ވަރަށް ސަލާން ގައުމީ އެއާލައިނަށް. ސްޓޯރީއެއް ހަދާލާތި." ކާގޯ ޖާގަ ވިއްކާފައި ފައިސާ ނަގާފައި ހުރި ބިލްތަކާއެކު ފިރާގުގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރައްވާފައި ވެއެވެ.

މިވާހަކަތައް ހިއްސާކުރައްވައި ފިރާގު ކުރެއްވި ޓްވީޓްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މޯލްޑިވިއަންއަށް ޓެގްވެސް ކުރައްވާފައި ވެއެވެ.

ފިރާގުގެ މި ޝަކުވާ ތަކާއި ގުޅިގެން މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ "ޝޯޝަލް މީޑިއާގައި ދައުރުވާ މެލޭޝިޔާގެ ޗާޓަރ ފްލައިޓާގުޅޭ ގޮތުން ދަންނަވަމެވެ. މެލޭޝިޔާގެ ކުއާލާލަމްޕޫރަށް މި ކުންފުނީގެ ބޯޓެއް ޗާޓަރުކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް" ކަމަށެވެ.

"ފުރަތަމަ މުޢާމަލާތުން ފެށިގެން ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައެއްނުވާނެއެވެ. އަދި ކާގޯ ގެނައުމާގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރާއަތުން ނަގާފައެއްވެސް ނުވާނެއެވެ." މޯލްޑިވިއަންގެ ޓްވީޓްގައި ބުނެފައި ވެއެވެ.



މޯލްޑިވިއަންގެ މި ޓްވީޓަށް ފިރާގުވެސް ވަނީ ރަށްދެއް ދެއްވާފައެވެ.

"ބުނެފިދޯ ފުރޮޅު އެކަނި ޗާޓަރ ކުރި ކަމަށް." ފިރާގު ވިދާޅުވެފައި ވެއެވެ.

ފިރާގަކީ ރާއްޖޭގައި އެއަރލައިންގެ އޭޖެންޓްކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ އެއްކުންފުނި ކަމަށްވާ އިނަރ މޯލްޑިވްސްގެ އެންމެ އިސް ވެރިއާއެވެ. އެހެންވީމާ ޗާޓަރ ކުރުމާއި ކާގޯ އުފުލުމާއި ބެހޭ އުސޫލުތަކާއި އެއްބަސްވުންތަކުގެ ހަމަތަކާއި ބައިނަލްއަޤްވާމީ މިންގަނޑާއި އުސޫލުތައް ފިރާގަށް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ ކަމަށް ގިނަ ބަޔަލު ގަބޫލު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު