ފެލިވަރުން "އުއްދަނަ" ނަމުގައި ޅ އަތޮޅު މަދްރަސާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް މުހިންމު ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމަކީ އެ އަތޮޅު މަދްރަސާތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތްތެރިކަމަށް ޝައުގުވެރިކުރުމަށާއި، މަސައްކަތް ދަސްކޮށްދީ، މުޖުތަމައުގައި މަސައްކަތްތެރި ބަޔަކަށް ހެދުމާއި، ދަރިވަރުންނަށް ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި 1 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޅ އަތޮޅު ހިންނަވަރު އަތޮޅު ތައުލީމީ މަރުކަޒުން 13 ދަރިވަރުން އަދި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުން 17 ދަރިވަރުންނާއެކު ޖުމްލަ 30 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް ވަނީ އަމިއްލައަށް ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަށް ފުރުސަތު ދީފައެވެ. އަދި އެ ދަރިވަރަކު އިހުތިޔާރުކުރި ދާއިރާއިން މަސައްކަތުގެ ފުރިހަމަ މައުލޫމާތު މިފްކޯގެ ކަމާއިގުޅޭ ޓެކްނިކަލް މުވައްޒަފުންގެ ފަރާތުން ދިނުމާއި، މަސައްކަތުގައި އަމަލީގޮތުން ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ލިބިގެން ދާނެއެވެ.

މި ހާއްސަ ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކު، އޮޓޯ މެކޭނިކު، ރެފްރިޖެރޭޝަން މެކޭނިކު، ކޭޝިއަރ، ޕްރޮޑަކްޝަން، ކޮލިޓީ އެޝުއަރެންސް، ލެބޯޓަރީ ޓެކްނީޝަން، އެޑްމިނިސްޓްރޭޝަން، ހައުންސިން އެންޑް ލޯންޑަރީ، އެގްރިކަލްޗަރ އެންޑް ފާމިންގ ފަދަ ގިނަ ފަންނީ ދާއިރާތަކުން ދަރިވަރުން އަހުލުވެރި ކުރެވިގެންދާނެއެވެ.

ފެލިވަރުގެ އަމާޒަކީ މިޕްރޮގްރާމް ފުޅާކޮށް، މެދު ނުކެނޑި ކުރިއަށް ގެންގޮސް، ސްކޫލުތަކުގެ ދަރިވަރުންނަށް މި ސިނާއަތުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު