މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.

 

ފުލުހުންގެ ޚިދުމަތުން ބުނީ މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލަމުންދާ މައްސަލަ ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން، މަކަރާ ހީލަތުން ހޯދަމުން ދިޔަ އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10700 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އޭ.ޓީ.އެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު