އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީއެމްއައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ ކަނޑާލިކަމަށް ބުނެ ވާހަކަތަކެއް ދައުރުވާތީ އެކަމާއި ގުޅިގެން އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބަލިމީހާގެ ޒާތީ މައުލޫމާތު ހާމަކޮށްފައިވާކަމަށް ބުނެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް އެކަން ކުށްވެރި ކުރައްވައިފިއެވެ.

އާސަންދައިން ނެރުނު ބަޔާނެއްގައި ވަނީ، ދައުރުވަމުންދަނީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށް ބުނެ، ބަލިމީހާގެ އުމުރާއި، އޭނާ ފަރުވާ ހޯދަމުންދާ ބައްޔާއި، އަދި އޭނާއަށް މިހާތަނަށް ދައުލަތުގެ އިދާރާތަކުން ހަރަދުކުރި ފައިސާގެ އަދަދު ވެސް އާންމު ކޮށްފައެވެ.

އެއާއި ގުޅިގެން ފައްޔާޒު މިއަދު ވިދާޅުވީ، ދިވެހިރައްޔިތަކު ބޭސްފަރުވާ ހޯދަމުންދާ ބަލީގެ ތަފްސީލު އެގޮތަށް އާއްމުކުރުމަކީ ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އޭނާގެ ޒާތީ ދިރިއުޅުމުގެ ހުރުމަތްތެރިކަން ނަގައިލުން ކަމަށެވެ.

އަދި ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މަގާމުތަކަށް މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރާ ފައިސާގެ އަދަދު ހާމަކުރުމަށް ތަކުރާރުކޮށް ދެކޮޅުހަދަމުންދާ ސަރުކާރަކުން އާއްމު ރައްޔިތެއްގެ ޒާތީ މައުލޫމާތު ހާމަކުރުން ފައްޔާޒު ވަނީ ކުށްވެރިކުރައްވާ ފައެވެ.

"އެކި ތަންތަނުން އާސަންދައިގެ ޚިދުމަތް ކެނޑެމުންދާކަމާއި ޑޮކްޓަރަށް ދެއްކުމަށާއި ބޭސް ނެގުމަށް އާސަންދައިން ކަވަރުކުރާ މިންވަރު މަދުކުރަމުންދާކަން ސަރުކާރުން ދޮގުކުރިޔަސް، އެކަމުގެ ދަތިކަން ތަހައްމަލުކުރަނީ ރައްޔިތުންކަމުގައި ވީތީ، ރައްޔިތުން އެވާހަކަ ދައްކާނެ." ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަލިމީހެއްގެ ބޭސްފަރުވާއަށް ހޭދަކުރި އަދަދު ކަމަށް ބުނެ ބޮޑެތި އަދަދަދުތަކެއް ހާމަކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭސްފަރުވާއަށް އަމިއްލަ ފަރާތްތަކުން ނަމަވެސް އިތުރަށް އެހީއެއް ލިބުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި ސަރުކާރުން ނުކޮށްދިން ނަމަވެސް، އިތުރު އެހީ ލިބުމުގެ ފުރުސަތު މިގޮތަށް ނަގައިނުލުމަށް އެދޭކަމަށެވެ.

ފައްޔާޒު ވިދާޅުވީ، މި ސަރުކާރަށް އައު ކަމެއް ނުކުރެވޭ އިރު، ކުރިންސުރެ ރައްޔިތުންނަށް ލިބެމުންދިޔަ ފަސޭހަތަށް ދެމެހެއްޓުން މުހިންމު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު