ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށާއި އެހެން ނަމަވެސް ގައުމުގެ ރިޒާވް ދަނީ ދަށައް ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫފްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ގެނެސްދިން "ހަވަރު ބެރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫފްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށެވެެ. އެގޮތުން ޑޮލަރުން ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރުވަމުންދާކަމަށް ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާއިރު ދައުލަތުން ކުރަންޖެހޭ ޚަރަދު ވެސް ކުޑަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ރިޒާވް ދަނީ ދަށައް ކަމަށާއި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށްވީ ކަމެއް ނޫން ކަމަށް ނާޒިލް ވިދާޅުވިއެވެ.



"ދައުލަތުން ޚަރަދު ކުރަންޖެހޭ އަދަދުވެސް ކުޑަވެއްޖެ، އެހެންނަމަވެސް ތިޖޫރީގައި ހުރި ލާރި ހުސްވެއްޖެ، މިކަން އެބަޖެހޭ ދިރާސާކުރަން، ދުނިޔޭގެ ވަރަށް ގިނަ ތަންތާގައި ކުރާކަމެއް މިއީ ޔުނިވަރސިޓީ އަކާއި ހަވާލުކުރުން، ޔުނިވަރސިޓީއަކާއި ހަވާލުކޮށްގެން މިކަން ދިރާސާކުރަން އެބަޖެހޭ. މިއީ މިވީ ތަނަކަށް ދުނިޔޭގެ ގައުމެއްގައި ވެފައޮތް ކަމެއް ނޫން." ނާޒިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު