މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު
މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު
ރާއްޖެއަށް އިގްތިސާދީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ މިދަނޑިވަޅަކީ މުދަލުގެ ވާދަވެރިކަމުގެ ތެރެއިން ރައްޔިތުން ބަންނަންވީ ވަގުތެއް ނޫން ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ މިވަގުތަކީ މުދަލުގެ ވާދަވެރިކަމުގެ ތެރެއިން ރައްޔިތުން ބަންނަންވީ ވަގުތެއް ނޫން ކަމަށާއި، މިއީ ވިޔަފާރީގައި ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ފަހިކޮށްދޭންވީ ވަގުތު ކަމަށެވެ. ޑޮލަރުގެ އަގު ހިފެހެއްޓުމަށް 250 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށްފަހު، މި ސަރުކާރުން ޑޮލަރު އަގު 29 ޕަސެންޓް މައްޗަށް ޖައްސާފައިވާ ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިން ޑިއުޓީ ނުނަގާ ބައެއް މުދަލުގެ ޑިއުޓީ އެތައް ގުނައަކަށް ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮއްވައި ކާބޯތަކެތިން ޑިއުޓީ ނަގަން ތިފެއްޓެވީ. ޖޫސް، ސޮސެޖް ކުދިން ސުކޫލަށް ގެންދާނެހާ އެއްޗަކުން 15 ޕަސެންޓް ޑިއުޓީ ނަގަން ތިޔަފެށީ. ސްޓޭމްޕް ޑިއުޓީ ކުރިން 500 ރުފިޔާ އަށް ހުރި އެއްޗެހި އެއްލައްކަ ރުފިޔާ އަށް އަރައިގެން މިދިޔައީ. މިހުރިހާ އެއްޗެއް ބާސްކެޓަކަށް ލާފައި ރައްޔިތެއްގެ ކުރިމައްޗަށް ތަކެތީގެ އަގު ގެންދިޔައީމަ ރައްޔިތުންގެ ޖީބަކު ނެތޭ މިއަދު މި އެއްޗެހި ގަންނާނެ ފައިސާ އެއް." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ގައުމުގައި ހިގާ ހުރިހާ ކަމެއްގެ ޒިންމާ ރައީސް ސޯލިހް ނަންގަވަންޖެހޭނެ ކަމަށެވެ. މިއީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި، ކަންކަމުން އެޕާޓީގެ ރައީސް މުހަންމަދު ނަޝީދަށް ވެސް ނުރެކެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ދާދިފަހުން ފެންމަތިވި ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން މަސްއޫލިއްޔަތުތަކުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފައިވާއިރު ގާނޫނު އަސާސީގައިވާ ގޮތުގެމަތިން އެމަނިކުފާނަށް އެކަން ކުރެއްވިދާނެތޯ ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ކަން ހިގައިދިޔަގޮތުގެ މައުލޫމާތު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިނުވާތީ ސައީދު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ވެންޓިލޭޓަރުގެ މައްސަލައިގައި އެތައް ފަހަރަކު ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ރައީސް ސޯލިހަށް އެގުނު ހަމަ އެއްކަމެއް ވެސް ނެތް. ކަހާބިހި ހިރުވާވެސް ނުލައި އިއްޒަތްތެރި ރައީސް. ވެންޓިލޭޓަރުގެ ވާހަކަ ކެބިނެޓާއި އިކޮންމިކް ކޮމެޓީއާއި ސޯސަލް ކައުންސިލުންނާއި ހެލްތު މިނިސްޓްރީ އިން މަޖިލީހުގެ ކޮމެޓީތަކަށް ގެނެސްފި، ސަރުކާރަކަށް އެނގިފައެއް ނެތް، 30 މިލިއަން ރުފިޔާ ފައިސާ ދައްކައިފި. ހައްދަވައިގެން އޮތް ކުންފުންޏެއް ވެސް ނޫން. މިއަދު ސަރުކާރެއް ހިގާތޯ އިއްޒަތްތެރި ރައީސް." ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވިނަމަވެސް އޮޑިޓް ރިޕޯޓާއެކު އެމައުލޫމާތު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވުމުން އެމަނިކުފާނު މިހާރު ވަނީ އެމައްސަލަ ބަލަން ފުލުހުންނާއި އޭސީސީ އަށް އަންގަވާފައެވެ. ކޮވިޑް އޮޕަރޭޝަން ތަކުގެ މީޓިންތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ރައީސް ސޯލިހް ކޮންމެ ދުވަހަކު ބައިވެރިވެވަޑައިގަންނަވާއިރު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކަން ހިގާދިޔަ ގޮތުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިނުގަތީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން