އަހުމަދު މަސްނޫމް   18 އޯގަސްޓު 2020 - 22:8
ކޯވިޑް-19 އާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން 5،242،102 ހަރަދުކޮށްފައިވާ ކަމަށެވެ. އެ މުއައްސަސާއަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 17،049،230 ރުފިޔާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން މައިގަނޑު ގޮތުގައި ހަރަދުކޮށްފައިވަނީ ކޮވިޑް-19އާ ގުޅޭ އޮޕަރޭޝަންގައި ބޭނުންކުރި ކަނޑުއުޅަނދުފަހަރަށް ތެޔޮ އެޅުމަށާއި އޮޕަރޭޝަންގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒްއާއި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ އިތުުރުން ސިފައިން ތިބި މަރުކަޒުތަކަށް ހަރުމުދާ ހޯދުމަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެެެެެއެވެ. އެއިން ކޮންމެ ކަމަކަށް ކޮށްފައިވާ ހަރަދުތައް ވަކިވަކިން ހިމަނާފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އޮޕަރޭޝަންގައި ޑިފެންސް މިނިސްޓްރީން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން އުފެއްދި އެންއީއޯސީގެ ޗެއާޕާސަންއަކަށް ހުންނެވީވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.



ކިޔުންތެރިންގެ ހިޔާލު