ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ފުލުހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފިއެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި މައްސަލަތަކުގެ ތަހުގީގު އޭސީސީއާ މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ.

"ހެލްތު މިނިސްޓްރީގެ އޮޑިޓުގެ މައްސަލަ ބަލަން ހަވާލުކުރީ ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި." ހޫދު ވިދާޅުވިއެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ރޭ ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓު ސަރުކާރަށް ރަސްމީކޮށް ލިބުނީމަ، ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު އެއްވެސް ފަސް ޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކަމަށް ބާރުދޭ އެއްވެސް ގެރެންޓީއެއް ނުހޯދައި ހެލްތުން ވަނީ ދުބާއީ ކުންފުންޏަށް އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް ފައިސާ ދޫކޮށްފަ އެވެ. އެއީ 30.9 މިލިއަން ރުފިޔާ އެވެ. މި ފައިސާ ދޫކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

ފައިސާ ދެއްކިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އޭގެތެރެއިން ގިނަ ވެންޓިލޭޓަރުތައް އަދިވެސް ނުލިބެއެވެ. ރާއްޖެއަށް ލިބިފައިވަނީ ވެސް ފެންވަރު ދަށް އަދި އޯޑަރުދިން ވައްތަރުގެ ވެންޓިލޭޓަރުތައް ނޫން ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މީގެއިތުރުން ތިންލައްކައަށްވުރެ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ އެންމެ 2،000 ސާޖިކަލް ކެޕް އެކަނިކަން ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެފައެވެ. އޭގެ ތެރެއިން އޯޑަރު ކުރި ތަކެތި ލިބިފައިނުވާއިރު އެއަށް ވީގޮތެއްވެސް ނޭގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން