ކޯވިޑް-19 އާއި ގުޅިގެން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ އޯޑިޑް ރިޕޯޓްގެ އެންމެހައި ކަންކަން ނިމެންދެން ވަޒީރާއި މިމައްސަލާގައި ޝާމިލުވާ މީހުން މަޤާމުން ދުރު ކުރަންޖެހޭކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީއާއި ޓުވަރިޒަމް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއިގުޅިގެން ނެރުނު އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ތަކުރާރުކޮށް ދޮގުމައުލޫމާތުދީ މިހާތަނަށްވެސް ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ އޮޑިޓް ރިޕޯޓްތަކުގެ މިނިވަން ތަހުގީގެއް ހިނގައި ޝާމިލުވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި މިމައްސަލަ ބަލައި ނިމެންދެންވެސް މައްސަލާގައި ޝާމިލުވާ ވަޒީރަކު ނުވަތަ އެހެން މީހަކު ހުރިނަމަވެސް މަޤާމުން އެކަހެރިކޮށް ވަކި ކުރަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. މިމައްސަލަ މަޖިލީހަށް ބަލައިމަތުމަށް ފާސްވެފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ. އުޝާމްގެ ކުއްލި މައްސަލާގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ޚާއްސަކޮށް މިހާރު އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓްތަކާއި ގުޅުންހުރި އިދާރާތަކުން ހިންގަމުންދިޔަ ކޮރަޕްޝަނާއި ގުޅުންހުރި ކަންކަމުގެ ވާހަކަ މީގެކުރިންވެސް މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނެވުނުކަމަށެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިއަތު ސޮއިކުރައްވާ، ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އާންމު ކުރެއްވި ރިޕޯޓްގައި މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި ޓްރަސްޓް ފަންޑުން ކޯވިޑް-19 އާ ގުޅޭ ކަންކަމަށް ހަަރަދުކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައްވެސް ހިންގާފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން