ހެލްތު މިނިސްޓަރ އަމީން؛ އަމީން ވިދާޅުވެފައިވަނީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިޔޫއެޗްއޯއިން ވެންޓިލޭޓަރ ގެންނަން ލަފާދިން ކުންފުންޏެއް ކަމަށް
ހެލްތު މިނިސްޓަރ އަމީން؛ އަމީން ވިދާޅުވެފައިވަނީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިޔޫއެޗްއޯއިން ވެންޓިލޭޓަރ ގެންނަން ލަފާދިން ކުންފުންޏެއް ކަމަށް
ކޯވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ވެންޓިލޭޓަރ ގަތުމަށް ހަވާލުކުރި ކުންފުންޏެއް ކަމަށް ބުނެ ހެލްތު މިނިސްޓްރީން ހެދީ ދޮގުކަން ފަޅާއަރައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް ޖުމްލަ 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން 3 ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" އަކީ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވާ އެއް ކުންފުންޏެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެކުންފުނިން ފޯރުކޮށްދީފައިވާ ކަމަށް ބުނާ 11 ވެންޓިލޭޓަރެއް 9 ޖުލައި 2020 ގައި އޮޑިޓަރުން ބެލިއިރު ހެލްތު މިނިސްޓްރީގެ ގުދަނުގައި ހުރި ކަމަށެވެ. އެހެން ނަމަވެސް އެ ތަކެތި ހެލްތު މިނިސްޓްރީން ބަލައިގަތްކަން ނުވަތަ ޤަބޫލު ކުރިކަން ލިޔެކިއުމުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

"އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް"ގެ ފަންނީ އަދި މާލީ ޤާބިލްކަން ވަޒަންނުކޮށް، އެ ފަރާތަށް އެ މަސައްކަތް ޙަވާލުކޮށްފައިވަނީ، އެ ފަރާތަކީ ޑަބްލިއުއެޗްއޯ ގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، މިނިސްޓްރީ އޮފް ހެލްތުގެ ލިޔެކިއުންތަކުގައާ އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓްގައި ބުނީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން، "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް" އާ އެ މަސައްކަތް ޙަވާލުކުރުމުގެ ހުއްދައަށް އެދި، މިނިސްޓްރީ އޮފް ހެލްތުން، މިނިސްޓްރީ އޮފް ފިނޭންސަށް 30 މާޗް 202 ގައި ފޮނުވި ސިޓީގައި، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ ގެ މަޝްވަރާގެ މަތިން، އެ އިދާރާގެ އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައި ކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބަޔާންކޮށްފައިވާއިރު މިނިސްޓްރީ އޮފް ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް 1 އޭޕްރީލް 2020 ގައި ފޮނުވި މެމޯގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ހޮވާފައި ވަނީ، މިނިސްޓަރ އޮފް ހެލްތާ ޑަބްލިއުއެޗްއޯ ގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި، ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީ-މެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

"އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް ހިމެނޭގޮތުން، ވަކި ފަރާތަކުން ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯ އިން މިނިސްޓްރީ އޮފް ހެލްތަށް އިރުޝާދުދީފައި ނުވާކަން ފާހަގަކުރެވެެއެވެ." އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން ޑަބްލިއުއެޗްއޯ އިން އެއްވެސް އިރެއްގައި، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އާއެކު، ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޑަބްލިއުއެޗްއޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް ޑަބްލިއުއެޗްއޯ އިން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެ އެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކަމަށް ބާރުއަޅައި އެއްވެސް ގެރެންޓީއެއް ނުހޯދައި ހެލްތުން ވަނީ ދުބާއީ ކުންފުންޏަށް އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް ފައިސާ ދޫކޮށްފަ އެވެ. އެއީ 30.9 މިލިއަން ރުފިޔާ އެވެ. މި ފައިސާ ދޫކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. ވެންޓިލޭޓަރުތައް ހަމައަށް ހަވާލުނުކުރުމަކީ އެގްޒެކިއުޓާސް އިން މިކަމުގައި އޮޅުވާލާފައިވާ ކަން ހާމަވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. ދުބާއީގެ މި ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން ހަމައެކަނި އެޑްވާންސްކޮށް ފައިސާ ދޫކުރި ކުންފުނި ކަން ފާހަގަކޮށްލެވެއެވެ. އެ މީހުން ވެންޓިލޭޓަރެއް 32،500 ޑޮލަރަށް ގެނެސްދޭއިރު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އެ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އެ ކުންފުންޏަށް ދައްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

އިޔާދު

17-Aug-2020

ތިއޮތީ ފަލާއަރާފަ ދެން ލަލަލަ. ރޯގާ ބަލިމަޑޫކަމެއްގައިވެސް ދިރިވޭތޯ.. ބޮޑުވަރު.. ކޯވިޑް ކެއިވަރު އެނގޭނީ ބިޓު ފަންގި ނެގީމާތާ...



ޓްރެންޑިން