ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ވަކީލުންގެ ބައްދަލުވުމުގެ އަމުރެއް ކަރެކްޝަންގެ މައްޗަށް ނެރެދޭނެކަމަށް ކްރިމިނަލް ކޯޓުގައިމިއަދު ކުރިއަށްދިޔަ ޝަރީއަތުގައި ފަޑިޔާރު ވިދާޅުވެ ޝަރީއަތް ނިންމާލައިފިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ތުހުމަތުކޮށް، އިތުރު ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އެއީ މޯލްޑިވްސް މާކެޓިން ޕަބްލިކްސް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ. މި ދެ ދައުވާއާ ގުޅޭ ޝަރީއަތުގައި ރައީސް ޔާމިންނާއި، އަދި އެމަނިކުފާނުގެ ވަކީލުން މިއަދު ވަނީ ވާހަކަ ދައްކަވާފައެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ވަކީލުންނާއި ބައްދަލުނުވާތާ ދޮޅުމަސް ދުވަސް ވެފައިވާކަމަށެވެ. ތަކުރާރުކޮށް އެދުމުންވެސް އެފުރުސަތު ދީފައި ނުވާކަމަަށް ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދާ ޝަރީއަތާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ހިއްސާ ކޮށްފައިވާ ނުވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާބޮޑު މައްސަލައެއް އަދި މިހާގިނަ ލިޔުން ހުރި މައްސަލައެއްގެ ލިޔެކިޔުން ނުލިބި މައްސަލަ ކުރިއަށް ގެންދިއުމަށް އިންކާރު ކުރައްވާކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންވެސް ވަނީ ތަކުރާރުކޮށް ކަރެކްޝަންގައި ވަކީލުންގެ ބައްދަލުވުމަށް އެދުނު ނަމަވެސް އެފުރުސަތު ދެއްވާފައި ނުވާކަމަށް ވިދާޅުފައެވެ. މިކަމާއި ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ ވަކީލުންގެ ބައްދަލުވުމަށް ރައީސް ޔާމީންގެ ވަކީލުން އެދިފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެކަނި ކަމަށެވެ. އަދި ބައްދަލުވުމަށް އޮންނަ އުސޫލުގެ ތެރެއިން އެދުމުން އެފުރުސަތު ދެއްވާނެކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ދެފަރާތުގެ ވާހަކަ ތަކަށްފަހު ފަނޑިޔާރުން ވަނީ މިއަދުގެ ޝަރީއަތުގައި ފާހަގަވި ކަންކަމަށް ބަލައި ރައީސް ޔާމީނާއި މައްސަލައިގެ ލިޔެކިޔުން ހަވާލުކޮށް، އެމަނިކުފާނުގެ ވަކީލުންގެ ބައްދަލުވުން އންތިޒާމު ކުރެވޭނެ ގޮތަކަށް މިއަދު ކޯޓް އަމުރެއް ކަރެކްޝަންގެ މައްޗަށް ނެރޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަށްފަހު 15 ވަރަކަށް ދުވަސް ފަހުން އަލުން ޝަރީއަތް ތާވަލް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

ޤާނޫނޫ އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 53 ވަނަ މާއްދާގައި ބުނެފައިވަޏީ ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އެއީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭން ވާނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން