އީރާނުގެ ހަރުކަށި ކޮންޒަވޭޓިވް ވާދަވެރިޔާ ސައީދު ޖަލީލީގެ މައްޗަށް ކުރި ހޯދައި، އިރާނުގެ އާ ރައީސް ކަމަށް ޑރ. މަސްއޫދު ޕެޒެޝްކިއަން އިންތިހާބުކޮށްފި އެވެ.

ރައީސް ކަމަށް ޑރ ޕެޒެޝްކިއަން އިންތިހާބުވެފައިވަނީ އީރާނުގެ އިންތިހާބުގައި ވޯޓުލާފައިވާ 30 މިލިއަން މީހުންގެ ތެރެއިން 53.3 އިންސައްތަ ވޯޓު ލިބިވަޑައިގަތުމުންނެވެ.

މި އިންތިހާބުގައި ދެން ވާދަކުރެއްވި ކެންޑިޑޭޓް ވާޖަލީލީ އަށް ލިބިވަޑައިގަތީ 44.3 އިންސައްތަ ވޯޓެވެ.

އީރާނުގައި ރައީސަކު ހޮވުމަށް އިންތިހާބެއް ބާއްވާފައި މިވަނީ އެގައުމުގެ ކުރީގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމުންނެވެ. އިބްރާހިމް ރައިސީ އަވަހާރަވީ މެއި މަހު ހިނގި ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި އިތުރު ހަތް މީހަކާއެއްކޮށް ދަތުރުކުރައްވަމުން ގެންދަވަނިކޮށެވެ.

އީރާނުގެ އިންޓީރިއާ މިނިސްޓްރީން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވެސް ޑރ. ޕެޒެޝްކިއަންގެ ސަޕޯޓަރުން ވަނީ އީރާނުގެ ވެރިރަށް ތެހެރާނާއި އެހެނިހެން ގިނަ ސިޓީތަކުގެ މަގުތަކަށް ނުކުމެ އުފާފާޅުކޮށްފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނައިން ފެންނަނީ އެގައުމުގެ ޒުވާނުން މަގުމައްޗަށް ނުކުމެ އުފާފާޅުކުރަމުންދާ މަންޒަރުތައްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން