މާލޭގެ ގެެއަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މިރޭ ގެއިން ނެރެލައިފިއެވެ.

ބޮޑު ރަސްގެފާނު މަގުގައި ހުންނަ ގެއަކުން ކޮވިޑަށް ޕޮޒިޓިވް ވި އެމީހާ ނެރެލާފައިވަނީ އެޗްޕީއޭގެ ސާމްޕަލްނަގާ ޓީމް އެމީހާގެ ހުން ބަލަން އެގެއަށް ދިޔުމުންނެވެ.

މަންޒަރު ދުށް މީހަކު "ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑަށް ޕޮޒިޓިވް ވި މީހާ މިރޭ އަށެއް ޖަހާ އެހާކަންހާއިރު ގެއިން ނެރެލާ ފައިވަނީ އެގޭގައި ހައިރިސްކް އުމުރުން ދުވަސްވީ މީހަކު އުޅޭ ކަމަށް ބުނެ އެވެ. އެގޭގައި އުޅެނީ އުމުރުން 80 ވަރަކަށް އަހަރުވީ މުސްކުޅި އަންހެން މީހާ އެކަނި ކަމަށާއި އެމީހާއަކީ ޕުއްޕާމޭގެ މައްސަލަ ހުންނަ މީހެއް ކަމަށް "ރަސް އޮންލައިން" އަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

އެމީހާ ބުނީ ޕޮޒިޓިވްވި މީހާ އަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށާއި، އޭނާ ރަށައް ދާން ވެގެން ހެދި ޓެސްޓުން ޕޮޒިޓިވްވީ ކަމަށެވެ. ޢެމީހާ އަކީ ހަމަ އެކަނި އެގެއަށް ނިދާލަން ދާ މީހެއް ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ނޫހަށް މައުލޫމާތު ދިން މީހާ ކިޔައިދިންގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި މީހާ ގެއިން ނެރެލާފައިވަނީ ކުރީގެ ޗީފް އޮފް ޑިފެންސް އަހުމަދު ޝިޔާމްގެ އަމުރަށެވެ. އެޗްޕީއޭ އިން ވަނީ އެމީހާ ގެއިން ނުނެރުމަށާއި، މިރެއިން މިރެއަށް ތަނެއް ހަމަޖައްސައިގެން އެމީހާ ގެންދަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ގޭގެ ވެރިފަރާތުން އެކަމަށް އިންކާރު ކުރީ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ޕޮޒިޓިވްވި މީހާ ގެއިން ނެރުމުން އެޗްޕީއޭ އިން ވަނީ އެމީހާ އެމްބިއުލާންސަށް އަރުވާފައެވެ. މިހާދިސާ ހިނގިއިރު ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވި ގިނަ ބަޔަކު އަދިވެސް ފެސިލިޓީތަކަށް ނުގެންދެވޭ ކަމަށް އެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު