ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ރާއްޖެއަށް ގެނައި ތަރައްޤީއާއި ކުރިއެރުން ހިތައް ގެންނާނެ ގޮތެއްވެސް ނޭގޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި ވެރިކަން ކުރެއްވި ބޭފުޅުން ޤައުމަށް ގެނައި ތަރައްޤީ ސިފަކުރައްވައި ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ މިހާރު މިހިނގާ ސަރުކަރަށްވެސް އަދި ރައީސް ޔާމީންގެ ވެރިކަމުގެ ކުރިން ވެރިކަން ކުރެއްވި ސަރުކާރުތަކަށްވެސް ރައީސް ޔާމީން ރާއްޖެއަށް ގެނެސް ދެއްވި ތަރައްޤީއާއި އަޅާކިޔާލަން ލަދުގަންނަން ޖެހޭކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ މިޤައުމަށް ކުރިއެރުމާއި ތަރައްޤީގެ ރަން ޒަމާންކަމުގައި ހުސެއިން ސިފަ ކުރެއްވިއެވެ. ޤައުމުގެ ކޮންމެ ދިމާލަކުން ފެންނަމުންދާ ކުރިއެރުމާއި ތަރައްޤީގެ ކުލަވަރުތަކަކީ ރައީސް ޔާމީން ގެނެސް ދެއްވާފައިވާ ތަރައްޤީކަމަށް އޭނާ ވިދާޅުވެފައެވެ. ފެންނަން ހުރި ބޮޑެތި މަޝްރޫޢުތަކަށް އެކަނި ބަލައިލުމުންވެސް އެކަން ސިފަވާކަމަށް އޭނާ ވިދާޅުވިއެވެ. ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި، ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އަޅާފައިވާ އެތައް ހާސް ފްލެޓަކީ ފެންނަން ހުރި ތަރައްޤީކަމުގައި ހުސައިން ފާހަގަ ކުރެއްވިއެވެ. އަދި އެތައް ރަށެއްގެ ބަނދަރާއި، ފެނާއި ނަރުދަމާއާއި، މަގު ހެދުމާއި، އެތައްމިސްކިތެއް އަޅާފައިވާކަމީ ރަށްރަށުން ފެންނަންހުރި ރައީސް ޔާމީންގެ ތަރައްޤީކަމަށް ހުސެއިން ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ތަރައްޤީއާއި އަޅުވާކިޔާލާން ހިތައް ގެންނާނެ ގޮތެއްވެސް ނޭގޭ." ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ފަހުގެ ތަރީޚެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުން ކުރެއްވި މަސައްކަތާއި ގާތަށްވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް މަސައްކަތް ނުކުރެއްވޭކަމަށެވެ. އަދި އެމަނިކުފާނަށް އެކަން ކުރުމުގެ ފުރުސަތު ރައީސް ނަޝީދު ނުދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ކަމަށްވާތީ ރައީސް ޞާލިހުގެ ތާއީދު އިތުރުވާފަދަ ކަމެއް ކުރުމުގެ ޖާގަ ރައީސް ނަޝީދު ނުދެއްވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު