އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހުޔާގެ މަރުގެ ޒިންމާ ނިމިދިޔަ ސަރުކާރާއި މިސަރުކާރުގެ ވެރިން ނަގަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، މޮސްޓާ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދަނިކޮށް ޔާސިރު ޔަހުޔާ މަރުވެފައިވަނީ މިއަދު ހަވީރު 4:25 ހާއިރުގައެވެ. ހުޅުމާލޭ ޖަލުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ބުނެފައެވެ.

ޔާސިރުގެ މަރާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ކުރި ޓްވީޓެއްގައި ވީދާޅުވީ މިއީ ދިވެހި ދަރިއަކާއި، ދިވެހި އަންހެނެއްގެ ފިރިއެއްކަމަށެވެ. އޭނާ ނިޒާމުން ގެއްލުވާލައި މިވީހާދުވަހު ޖެއްސި ހާލުގެ ޒިންމާ ނަގަންޖެހޭނީ މިސަރުކާރާއި ކުރީ ސަރުކާރުގެ ވެރިންކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އިންސާނީ ހައްގުގައި ވަކާލާތުކުރާ މީހުން މީގެ ކުރިން ފެނުނު ނަމަވެސް މިމައްސަލާގައި އެމީހުން ތިލަ ނުވާތީ ނަޝީދުގެ ފާޑުވިދާޅުވުން ވަނީ އިންސާނީ ހައްގުގައި ވަކާލާތު ކުރާ މީހުންނަށް އަމާޒު ކުރައްވާފައެވެ.

"މިކަމުގެ ޒިންމާ މިދިޔަ ސަރުކާރާއި މި ސަރުކާރުގެ އިސްވެރިން ނަގަން ޖެހޭނެ. ދިވެހި ދަރިއެއްގެ ބައްޕަ ދިވެހި އަންހެއްގެ ފިރިމީހާ ވީ ނުވީއެއް ނޭގި ނިޒާމުން ގެއްލުވާލާ އެންމެ ފަހުން "މަރާވެސްލީ" އެހާލުގަ. އިންސާނީ ހައްގު ކޮބާ. އެކަމަށް ވަކާލާތު ކުރާ މީހުން ކޮބާ މިއަދު؟" ނަޝީދު ޓްވީޓްގައި ވިދާޅުވިއެވެ.

މިދިޔަ އަހަރު ފަހުކޮޅުގައިވެސް އޭނާވަނީ ކެއުން ހުއްޓާލައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްކޮށްފައެވެ. ނަމަވެސް އޭރުވެސް ހޮސްޕިޓަލަށް ގެންގޮސްފަރުވާދިންފަހުން އޭނާވަނީ އަލުން ކާންފަށާފައެވެ. 2016ވަނަ އަހަރު ޔަމަނުގެ ޢަރަބި ޓީޗަރެއްގެ ގޮތުގައި ރާއްޖެ ގެނައި ޔާސިރު ޔަހުޔާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ފާހަގަކުރުމާއި، ޓެރަރިޒަމާއި ގުޅުންހުރި ބެކްގްރައުންޑެއްވެސް އޭނާގެ އޮންނަކަން އެނގުމުން ކޯޓް ޢަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ 2017ވަނަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހުއެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު ޔަހުޔާ 2017 ވަނަ އަހަރު ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވާ ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކޮށްލަން ސަރުކާރުން ވަނީ ނިންމައިފައެވެެ. އަދި ޑީޕޯޓްކޮށްލެވެންދެން އޭނާ ހުރީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ބެލުމުގެ ދަށުގައެވެ. ޔާސިރު ރާއްޖޭގައި ކުރި ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު