މޭ މަހު ސަރުކާރުން އިއުލާނުކުރި އިސްސަފުގެ މަސައްކަތްތެރިންނަށް ދޭ ރިސްކް އެލަވަންސް ފުރަތަމަ ފަހަރަށް 220 މީހަކަށް ދީފައިވާ ކަމަށް ފިނޭސް މިނިސްޓްރީން ބުނެފިއެވެ.

މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެވުޒާރާއިން ކުރި ޓުވީޓެއްގައެވެ. މޭ މަހު ސަރުކާރުން އިއުލާނުކޮށްފައިވަނީ އިސް ސަފުގެ މަސައްކަތްތެރިން 3 ގިންތިއަކަށް ބަހާލައިގެން އެފަރާތްތަކަށް އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފިނޭންސް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިސްސަފުގެ މަސައްކަތްތެރިންނަށް ސަރުކާރުން ދިނުމަށް ނިންމި އެލަވަންސް ދޭން މިއަދު ފަށާފައިވާ ކަމަށެވެ.  އެގޮތުން މިހާތަނަށް 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މިފައިސާއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި މަސައްކަތްތައް ފެށި ތާރީޚު ކަމުގައިވާ މާޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެފަރާތްތަކަށް ލިބެންޖެހޭ ފައިސާ ކަމުގައިވެސް އެމިނިސްޓްރީން ހާމަކުރެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެލަވަންސް ދިނުމުގެ މަސައްކަތް މިހާރު ވަރަށް ހަލުއިކަމާއެކު ކުރަމުންދާ ކަމަށެވެ. އެގޮތުން ލިބިފައިވާ މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި، އެޕްރޫވަލް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައިވެސް އެވުޒާރާއިން ބުނެ އެވެ. މިމަސައްކަތް ނިމުމާއެކު އިސްސަފުގެ އިތުރު މަސައްކަތްތެރިންނަށްވެސް އެލަވަންސް ދެވޭނެ ކަމަށް ފިނޭސް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުން ނަމަ މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހައި ރިސްކު ފަރާތްތަކަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. އަދި ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ނިއްމާފައެވެ.



ކިޔުންތެރިންގެ ހިޔާލު