އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ނުލާ ވެސް ރާއްޖޭގެ އިސްލާމީ ވަހުދަތު ވާނީ ވަރުގަދަ ކަަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ޑރ. ޝަހީމަށް ހޫނު ރައްދެއް ދެއްވައިފި އެެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރުހުން ނުދިން ތިން މިނިސްޓަރުންގެ ތެރޭގައި މިނިސްޓަރު ޝަހީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެހެންވެ އެކަމާ ގުޅިގެން ޝަހީމް އިއްޔެ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަނީ "އިސްލާމީ ދީން ބަލިކަށި ކުރަން" ކަމަށެވެ.

ޝަހީމްގެ މި ވާހަކައަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވެސް ވަނީ އެކްސްގައި ޝަޙީމަށް ރައްދު ދެއްވައިފަ އެވެ.

އަމީރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން ޝަހީމާ ބައްދަލުވި ކަމަށާއި އެދުވަހު ރައީސް ސޯލިހަކީ ހެޔޮލަފާވެރިއެއްކަމަށް ވިދާޅުވި ކަމަށެވެ.

"ދުވަހަކުވެސް އެމަނިކުފާނާއި[ރައީސް ސޯލިހުއާއި] ދެކޮޅުނުވާނެކަމަށް [ޝަހީމް އެދުވަހު ވިދާޅުވި]. މަނިކުފާނާއި[ޝަހީމްއާ] ނުލާވެސް އިންޝާ ٱللَّٰهُ ރާއްޖެގެ އިސްލާމީ ވަހުދަތުދާނީ ވަރުގަދަވަމުން." އަމީރު ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން ފާސްކޮށްފައިވަނީ 31 މެމްބަރުންގެ ވޯޓުންނެެވެ. ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ އަށް މެމްބަރަކު ތިއްބެވި އެވެ.



ކިޔުންތެރިންގެ ހިޔާލު