ރައްޔިތުންގެ މަޖިލީސް ތެރޭގައި މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމަށް ބުނެފައެވެ. މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.

"ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި، އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށް މި ޕާޓީން ގަބޫލުކުރަން. އަދި, ވަކިން ހާއްސަކޮށް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ހިދަމަތްތަކަށް ގޮވާލަން." އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން މިފަދަ ނޫސް ބަޔާނެއް ނެރެފައިވާއިރު ވަޒީރުންގެ މަޖިލީހުގެ މެމްބަރުނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އެޅުމާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ ބައެއް މެންބަރުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު