މިދުވަސްވަރު މާލޭގެ މަގުތަކުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަނީ ރައްޔިތުންނަށް ޓަކައި ކަމާމެދު ސުވާލު އުފެދޭކަމަށް ތާރީޚާއި ޘަޤާފަތާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ މުޒާހަރާ ކޮށްފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް މަނާކޮށްފަ އެވެ. އެކަމާ ގުޅިގެން ވަޒީރު ޔުމްނާ ވިދާޅުވީ، މިދުވަސްވަރު މާލޭގެ މަގުތަކުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަނީ ރައްޔިތުންނަށް ޓަކައި ކަމާމެދު ސުވާލު އުފެދޭކަމަށެވެ.

"މިނިވަންކަމޭ ރައްޔިތުންނޭ ކިޔާފައި، މާސްކް އެޅުމެއް ގައިދުރުކަމެއް ނެތި، މި ދުވަސްވަރު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައި ބާ؟" މިނިސްޓަރ ޔުމްނާ ވިދާޅުވެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާގައި މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ކަންކަން ކޮށްފައިވާކަން ފާހަގަކޮށް އަޑުއުފުލާފައި ވެއެވެ. އިދިކޮޅު ފަރާތްތަކުން އެގޮތަށް ބުނަމުންދަނީ މި ސަރުކާރުން އިންޑިއާއާއި ގުޅުން ބަދަހިކޮށް އިންޑިއާގެ އަތްދޮށަށް ކަންކަން ދޫކޮށްލާފައިވަނީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ވަރަށް ކަމަށް ސިފަކޮށެވެ.



އިދިކޮޅުން ރޭ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ބޭއްވި މުޒާހަރާގައި އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި ވަނީ އަޑު އުފުލާފައެވެ. މީގެ ކުރިން ފުލުހުން ވަނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ބޯލެނބުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 50 މީހަކު ބައްޔަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ އަދަދު ވަނީ 3302 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު