ޚިޔާލު ތަފާތުވާ ބޭފުޅުންނާއި އެއްކޮށް މަސައްކަތްކުރައްވާ ހަމައެކަނި ވެރިޔަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމު މުޙައްމަދު ޞާލިޙު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ އޭނާއަށް ވަރަށް ގިނަ ވެރިން ފެނިގެންގޮސް ހިނގައްޖެ ކަމަށެވެ. އެހެން ނަމަވެސް، ޚިޔާލު ތަފާތުވާ ބޭފުޅުންނާއި އެއްކޮށް މަސައްކަތްކުރަން އެނގޭ ހަމައެކަނި ވެރިއަކަށް ފާހަގަވެވަޑައިގަތީ ރައީސް ޞާލިޙު އެކަނި ކަމަށެވެ. އަދި މި ވެރިކަން ނިމިގެންދަނީ ސިޔާސީ ބޭފުޅުން ހައްޔަރުނުކޮށްހުރެ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ހިޔާލު ތަފާތުވާ މީހުނާ އެކު މަސައްކަތް ކުރުމަކީ ވެރިޔެއްގެ ކިބައިގައި ހުންނަން އަޅުގަނޑު ބޭނުންވާ އެންމެ އިސް ސިފަ، ރައީސް ސޯލިހު ފިޔަވައި އެހެން އެއްވެސް ވެރިޔެއް ނެތް، އެއްވެސް އެހެން ކެންޑިޑޭޓެއް ނެތް މި ރިޔާސީ ރޭހަށް ނުކުމެ، މި ސިފަ ހުރި. ސިޔާސީ ވެރިން ހައްޔަރުނުކޮށް ވެރިކަމެއް ނިންމައިފި، މިއީ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަން ދޭން ބޭނުންވާ ސަބަބު." ޔާސިރު ވިދާޅުވިއެވެ.

އޭޝިއާގައި ހިންގާ އެންމެ ރަނގަޅު ޓްރާންސްޕޮޓޭޝަން ނެޓްވޯކް އާރްޓީއެލްގެ ޚިދުމަތް ގާއިމުކުރެއްވީ ރައީސް ޞާލިޙު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ބޮޑު ތިލަދުންމަތީގެ އެތައް ރައްޔިތުންގެ ތަކްލީފުތަކަށް ލުޔެއް ލިބިގެންދިޔަ ކަން ޔާސިރުގެ ޥާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި މި ސަރުކާރުގައި ތައުލީމަށް ޚަރަދުކުރީ އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ކަމީ މި ސަރުކާރަށް ތާއީދުކުރައްވަން ޖެހުނު އެއް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާސިރަކީ މީގެ ކުރީގައި ރައީސް ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސްއަށް ތާއީދުކުރެއްވި މެންބަރެކެވެ. އޭނާއެކޭ އެއްފަދައިން، ކުޅުދުއްފުށި ސީޓިގެ ހުރިހާ ކައުންސިލު މެންބަރުންވެސް ރައީސް ނަޝީދުގެ ޕާޓީއާއި ގުޅިވަޑައިގަތެވެ. އެހެން ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި އެމްޕީ ޔާސިރު ވަނީ އެމްޑީޕީއާއި އަލުން ގުޅިވަޑައިގަނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން