އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަކީ ޒަމާނީ ސިޔާސީ މަސްރަޙަށް ލޯހުޅުވިފައިވާ ބޭފުޅެއް ނޫންކަމަށް ތުހުމަތުކުރައްވައި މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެނެސްފިނަމަ އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ޤައުމަށް ކުރިމަތިވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒަށް ފާޑު ވިދާޅުވެ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލާމެހިފައިވާ ދުނިޔެއެއްގައި އަދި އެއް ޤައުމުގެ ވިޔަފާރިއާއި އަނެއް ޤައުމު ގުޅިފައިވާގޮތާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ކުޅިބައި ހިނގަމުންދާގޮތުގެ ހަޤީޤަތްތައް ޑރ.މުޢިއްޒަށް ފަހުމު ނުވާކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ އިއާދަނުކުރެވޭވަރުގެ ގެއްލުން ޤައުމަށް ވުމުގެ ފުރުސަތު ބޮޑުކަމަށެވެ.



މީގެ އިތުރުން ކުރިންވެސް ޕީޕީއެމްގެ ވެރިކަމުގައި ހެދިގޮތަށް ކޮމަންވެލްތާއި އީޔޫފަދަ ޖަމާޢަތްތަކާ ގުޅުން ކަނޑާލުމަކީ ރާއްޖޭގެ އެންމެމަތީ މަސްލަހަތަށް ނުރައްކާވާނެ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އަވައްޓެރި އިންޑިއާއާ ގުޅުން ކަނޑާލައި އިންޑިއާގެ އެހީގައި ހިންގާ މަޝްރޫޢުތައް ހުއްޓާލުމަކީ ފައިދާހުރި ގޮތެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިޤްތިޞާދީ ތަރައްޤީ އާއި ޤައުމުގެ މަސްލަޙަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހެން ޤައުމުތަކާ، ވަކިން ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކާ ރަޙުމަތްތެރިކަން ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖެ އާއި އިންޑިއާއާއެކު ގުޅުން އޮތުމަކީ މުހިންމު ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު