ސަރުކާރުން ބޭރަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ ޔަގީން ޕްލޭނެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ނަމަވެސް ވާދަވެރިން އެކަން ކުރައްވާނީ ކިހިނެއްކަން ވިދާޅުވެވިފައި ނުވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސީޓީގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށާއި ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށެވެ. އެހެން ނަމަވެސް، ވާދަވެރިން ދަރަނި އަނބުރާ ދައްކަވާނަމޭ ވިދާޅުވިޔަސް، އެކަން ކުރާނެ ގޮތުގެ ތަފްސީލެއް އެބޭފުޅުންނަށް ވިދާޅުވެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ވާދަވެރިން އެ ދައްކަވަމުން ގެންދަވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސަރުކާރުން ދަރަނި ދައްކަވާނެ ގޮތް ހާމަކުރަށްވަމުން ރައީސް ޞާލިޙު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއްބައި އަލުން ރިފައިނޭންސް ކުރާނީ ކަމަށާއި ސަރުކާރަށް މާލީ އިދާރާތަކުން އެއް ބިލިއަން ޑޮލަރު ހޯއްދެވުމަކީ މިހާރު ފަސޭހަފުޅު ކަމެއް ކަމަށެވެ. ދައުލަތުން ކުރާ ކަންތައްތައް ޢާންމުކޮށް ހާމަކުރައްވަމުން ގެންދިޔުމަކީ އޭގެ މައިގަނޑު ސަބަބު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ބޭރުގެ ފަރާތްތަކަށް މި ސަރުކާރާ ދޭތެރޭގައި ޔަގީންކަން އެބައޮތް. ފައިސާއެއް ނަގައިފިއްޔާ އެ ހަރަދު ކުރާގޮތް އެބައޮތް ފެންނަން. ހާމަކުރަން އެބަ. ކޮންމެ ދެ ހަފްތާއިން އެއް ހަފްތާއަކު ދައުލަތުގެ މާލިއްޔަތުގެ ތަފްސީލުތައް ހާމަކުރަން. އެއްވެސް އެއްޗެއް ފޮރުވިފައެއް ނޯންނާނެ،. މި ރާއްޖެ އަކީ މުއްސަނދި ގައުމެއް. އެސެޓް ބޮޑު ގައުމެއް. މިއަދު ކޮންމެ ތަނަކަށް ދިޔައަސް އަޅުގަނޑުމެންނަށް އެއް ބިލިއަން، ދެ ބިލިއަން، ފަސް ބިލިއަން ވެސް ހޯދުމަކީ ދަތި އުނދަގޫ ކަމެއް ނޫން." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވަނީ 2026 ވަނަ އަހަރުގައި ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދައްކާ ޚަލާސް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައިއެވެ.

މީގެ އިތުރަށްވެސް މިޖަލްސާގައި ރައީސް ޞާލިހު ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް ކޮށްދެއްވާނެ އެކި ކަންކަން ވައުދުވެވަޑައިގެންފައެވެ. އެގޮތުން، ކުޅުދުއްފުށި ސިޓީގައި ބައިނަލްއަގްވާމީ ފެންވަރުގެ ރިކްރިއޭޝަން ސެންޓަރަކާއި ލޯކަލް ކޮމާޝަލް ހަބެއް ގާއިމުކުރުމާއި، ރަށުގެ ހުރިހާ މަގެއް ކުރިއަށް އޮތް ދައުރުގައި ހަދާ ނިންމައި، ކުޅުދުއްފުށި ކައިރީގައި އޮތް ކުނބުރުދޫވެސް އެކި ބޭނުންތަކަަށް ތަރައްގީކޮށް، ޔޮޓް މެރީނާއެއް ހަދައި، އެއާޕޯޓްގެ ބިމަށް އެކްސެސް ރޯޑެއް ހެދުން ހިމެނެއެވެ. އަދި ކޮންވެންޝަން ސެންޓަރެއް ތަރައްގީކުރުމާއި ޕިކްނިކް އައިލެންޑަކާއި ލޯކަލް ޓުއަރިޒަމަށް ޚާއްސަ ފައިނޭންޝިއަލް ޕެކޭޖްެއް ގާއިމުކޮށްދެއްވުމަށް ރައީސް ވައުދުވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން