އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީގެ ސަރުކާރާއި ދެކޮޅަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މިދިޔަ އަންގާރަ ދުވަހު ފަށައިފިއެވެ.

މިބަހުސް ފަށާފައިވަނީ އިދިކޮޅު ލީޑަރ، ރާހުލް ގާނދީގެ ސަސްޕެންޝަން އުވާލައި މަޖިލީހަށް އެންބުރި ވަޑައިގަތްތާ ދެވަނަ ދުވަހުއެވެ.

އިންޑިއާ ސަރުކާރާ ދެކޮޅަށް އިދިކޮޅު ކޮންގްރެސް އިން ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ އިންޑިއާގެ އިރުއުތުރުގެ މަނިޕޫރް ސްޓޭޓްގައި އެތައް ދުވަހެއް ވަންދެން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ހައްލެއް ހޯދުމަށް މޯދީގެ ސަރުކާރަށް ޕްރެޝަރ ކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށްވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ މިނިސްޓަރު ކިރެން ރިޖިޖޫ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ގޯސް ވަގުތެއްގައި ކަމަށާޢި، އެގޮތުން މީގެ ނަތީޖާ ހިތިވެ އިދިކޮޅު ކޮންގްރެސް އިން ފަހުން ހިތާމަކުރާނެ ކަމަށެވެ.

އިންޑިއާ ސަރުކާރާ ދެކޮޅަށް އިދިކޮޅު ކޮންގްރެސް އިން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިނަމަވެސް، މޯދީގެ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް 2019 ވަނަ އަހަރުގެ އިންތިހާބުގައި 543 މެންބަރުންގެ މަޖިލީހުން 303 ގޮނޑި ކާމިޔާބުކޮށްފައިވާތީ، އިތުބާރު ނެތްކަމުގެ ވޯޓު ފަސޭހައިން ބަލިކުރާނެ ކަމަށް ބެލެވެ އެވެ.

"މި އިތުބާރު ނެތް ކަމުގެ މައްސަލައަކީ އަޅުގަނޑުމެންގެ ކޮންމެހެން ކުރަންޖެހޭ ކަމެއް،" މަޖިލީހުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޮންގްރެސް މެމްބަރު ގައުރަވް ގޮގޯއީ ވިދާޅުވި އެވެ.

"އަހަރެމެންނަށް މިކަން ކުރަން މަޖުބޫރުވީ... މިހާރު މިވަނީ މަނިޕޫރަށް އިންސާފު ހޯދައިދިނުމަށް މަޖުބޫޜުވެފައި،" ގޮގޯއީ ބުންޏެވެ.

ކްރިސްޓިއަން ގްރޫޕަކާއި މައި ޕާޓީ ފަދައިން ހިންދޫންގެ މެޖޯރިޓީ ގްރޫޕަކާއި ދެމެދު ހިންގަމުންދާ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި މެއި މަހުން ފެށިގެން މަނިޕޫރުގައި މަދުވެގެން 120 މީހަކު މަރުވެފައިވާކަމަށްވެއެވެ. މަނިޕޫރްގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ އެހެން ސަރަހައްދުތަކުން ސިފައިން ފޮނުވައި، އެ ސްޓޭޓްގެ ބޮޑު ބަޔަކަށް ކާފިއު އިއުލާންކުރުމުގެ އިތުރުން އިންޓަނެޓް ގެ ހިދުމަތްވެސް ވަނީ ކަނޑާލާފައެވެ.

މިކަމާއި ގުޅިގެން އިންޑިއާ ސަރުކާރާ ދެކޮޅަށް އިދިކޮޅު ކޮންގްރެސް އިން ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ބީޖޭޕީގެ މެމްބަރެއް ކަމަށްވާ ނިޝިކަންތު ޑޫބޭ ވިދާޅުވީ ކޮންގްރެސް ޕާޓީގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ރާހުލް ގާންދީގެ ސިޔާސީ ހަޔާތް އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އިންޑިއާގެ އެންމެ ބާރުގަދަ އާއިލާގެ ސިޔާސީ ވާރިސެއް ކަމަށްވާ ރާހުލް ގާންދީ އާއި ދެކޮޅަށް، ބޮޑުވަޒީރު މޯދީއަށް ފާޑުކިޔުމުގެ މައްސަލަ އަބުރުގެ ދައުވާއެއްގެ ގޮތުގައި ކޯޓައް ވައްދައިފައިވަނިކޮށް ސުޕްރީމް ކޯޓުން އޭނާގެ އަބުރުގެ ހުކުމް ސަސްޕެންޑުކުރުމާއިއެކު، ހޯމަ ދުވަހުން ފެށިގެން ރާހުލް ގާންދީ ވަނީ އިންޑިއާގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން