އަނިޔާވެރިކަމާ ހަމަނުޖެހުމަކީ އަލުން ދީލާލާނެ މާޒީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ރައީސް ސާލިޙުގެ ރިޔާސީ ކެމްޕޭންގެ ތެރެއިން މުލަކުގައި ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ރައްޔިތުން ތިބީ އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ މާޒީއަށް ދީލާލާ ގޮތަކަށް ނޫން ކަމަށެވެ. ހިސާން ވަނީ ޔާމިންގެ ސަރުކާރުގެ ހަލަބޮލިކަމާއި ބިރުވެރިކަން އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ބަލައިގަންނާނީ ކިހިނެތްތޯ ސުވާލު ކުރަށްވާފައެވެ.

އެ ދަތި އުނދަނގުލަށް އަލުން ދާން ބަޔަކު ވަކާލާތުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔާމިންގެ ސަރުކާރުގައި މުޅި ގައުމު އޭރު އޮތީ ހަލަބޮލިކަމެއްގައި ކަމަށެވެ. ހިސާން ވިދާޅުވީ ހަމަޖެހިގެން އޭރު އެންމެ ދުވަހެއްވެސް ހޭދަ ނުކުރާ ކަމަށާއި ރައްޔިތުން އޭރު ދިރިއުޅުނީ ނޫން ކަމަށާއި "ދިރިތެޅުނީ" ކަމަށް ހިސާން ވިދާޅުވިއެވެ.

"އެދުވަހު އަޅުގަނޑުމެން ތަހައްމަލު ކުރި އަނިޔާވެރިކަން ހަނދާން ނައްތާލައި ހަލަބޮލި ކަމާއި ބިރުވެރިކަން އެއީ މި ރާއްްޖޭގެ މަސްލަހަތާއި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ބުނާބުނުން އަޅުގަނޑުމެން މިއަދު ކިހިނެއްތޯ ގަބޫލުކުރާނީ. ރައީސް ޔާމިންގެ ކޮންޓްރޯލް އޮންނަ ސަރުކާރަކަށް މި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސްދެވޭނެ ކަމަށް މިއަދު އަޅުގަނޑުމެން ގަބޫލުކުރަންވީ ކީއްވެތޯ؟" ޔާމިންގެ ސަރުކާރުގައި ސިޔާސީ މަސައްކަތާއި ގުޅިގެން ހައްޔަރު ކުރި ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވި ނަޝީދުގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގެންނެވި ހިސާން ވިދާޅުވިއެެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމުގައި ރައީސް ޞާލިހު ދެއްކެވި ނަމޫނާ އަކީ ތައުރީފް ހައްގު ކަމެއް ކަމަށެވެ. އެކަމަށް ޝުކުރު އަދާކުރުމަށް ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިޙަށް ރައްޔިތުން ވޯޓުދޭން ޖެހޭ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ރައީސް އަކީ ރާއްޖެއަށް އިންގިލާބީ ތަރައްގީ ގެނެސްދެއްވި ބޭފުޅެއްް ކަމަށާއި ބޮޑު ރަށެއް ކުޑަ ރަށެއް ނެތި އަސާސީ ހިދުމަތްތައް ލިބެންޖެހޭނެކަން ގަބޫލު ކުރެއްވި ހަމައެކަނި ވެރިއަކީ އެމަނިކުފާނު ކަމަށެވެ. ހިސާން ވަނީ ރައީސް ސާލިޙަށް ރައްޔިތުން ވޯޓު ދޭންޖެހޭ ގިނަ ސަބަބުތަކެއް ހާމަކުރަށްވާފައެވެ.

"ސިޔާސީ ހަލަބޮލި ކަމާއި ނަފުރަތަށް ގޮންޖަހައި ރާއްޖެ އަމާން ދިވެހި ރާއްޖެއަކަށް ހެދުމަކަށްޓަކައި ރައީސް އަޅުގަނޑުމެން ދެވަނަ ދައުރަކަށް އިންތިހާބުކުރަން ބޭނުންވަނީ، މި ހިނގަމުންދާ ޕްރޮޖެކެޓްތައް ހުއްޓުމެއް ނެތި ހިންގައި ކުރިއަށް ގެންދިޔުމަށްޓަކައި އަދި ލިބިފައި މިވާ ހަމަޖެހުމާއެކު މި ދިރިއުޅެމުންދާ ދިރިއުޅުން އެގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި އުފާވެރި އަމާން ރާއްޖެ އެއް ދެމިއޮތުމަށް ބައްޓަން ކުރުމަށްޓަކައި،" ހިސާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު