އުތުރާއި މެދު ރާއްޖެ އަދި ދެކުނުގެ ހިސާބުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މ. މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އުތުރާއި މެދު ރާއްޖެ އަދި ދެކުނުގެ ހިސާބުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ހިނގަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މ. އަތޮޅުގެ ހަތަރު ރަށަށް އެމަނިކުފާނު ވަޑައިގެންނެވިއިރު ކޮންމެ ރަށަކުން ވެސް އެމަނިކުފާނަށް ފެނިވަޑައިގަތީ އަމާން ރާއްޖެއަކަށް ދިއުމަށް ރައްޔިތުން ތައްޔާރުވެ ތިބި ތަން ކަމަށެވެ.



ރައީސް ވިދާޅުވީ އައްޑުއަށް އަންނަ ބަދަލުތަކުން އެ އަތޮޅުގެ ރައްޔިތުން ތިބީ ހިތްހަމަޖެހިފައި ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓުތައް އަޅައި، ދަތުރުތައް ފަށާފައިވާތީ، ރައްޔިތުންނަށް އުއްމީދެއް ލިބިފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ކޮވިޑާއި ސަރުކާރަށް ދިމާވި ގޮންޖެހުންތައް ފާހަގަކުރަށްވައި އެކަމުން އަރައިގަތުމަަށް ސަރުކާރުން ކުރި މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެެ. އެގޮތުން ރައީސް ވިދާޅުވީ އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ކުރިން އަންދާޒާކުރި ވަރަށްވުރެ ދަށުގައި ހިފެހެއްޓިފައި ހުރީ މި އަހަރު އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅުތަކުން އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ އާމްދަނީ ދެގުނަ ވާތަން ކަމަށެވެ. އެގޮތުން 2028 ވަނަ އަހަރު ނިމޭއިރު، ދައުލަތަށް 50 ބިލިއަން ރުފިޔާ ވައްދައި އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން މީގެ ކުރިން ލަފާކުރީ 6-7 ޕަސެންޓާ ދޭތެރޭގައި ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ އަންދާޒާހުރީ 9.6 ޕަސެންޓުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކުރި ކަންތައްތަކުން މި ނެގި ފިޔަވަޅު ތަކުން ރާއްޖޭގެ އިގްތިސާދު މިދަނީ ދެ ގުނަވަމުން. 2018 ވަނަ އަހަރު ރާއްޖޭގެ އާމްދަނީ އަށް 26 ޕަސެންޓް އިތުރަށް މިދިޔަ 2022 ވަނަ އަހަރު ލިބުނު، މިއަހަރު ނިމޭއިރު އަޅުގަނޑުމެންގެ އަމާޒަކީ 30 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ހޯދުން،" ރައީސް ސާލިޙު ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު