ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މ.މުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 3 މަސް ދުވަހަށް ބަންދުކުރުމަށް ސަރުކާރުން ނިންމި ކަމަށާއި އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންގެ ސަލާމާއި ރައްކާތެރިކަމަށް އޭރު ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އޭގެފަހުން ފަތުރުވެރިކަން މަޑުަމަޑުން ކުރިއަރަމުން ގޮސް މިއަހަރަށް ސަރުކާރުން ކަނޑައެޅީ 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.



ރައީސް ވިދާޅުވީ ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ 1 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށެވެ. އަދި 1.8 މިލިއަން ފަތުރުވެރިންގެ ބަދަލުގައި ސަރުކާރުން މިހާރު އަމާޒު ކުރަނީ 1.9 މިލިއަން ފަތުރުވެރިން ގެނައުމަށްކަމަށްވެސް ރައީސް ސާލީހު ވިދާޅުވިއެވެ.

"މިހާރުގެ ތަސައްވުރަކީ 1.9 މިލިއަން ފަތުރުވެރިން. އިރާދަކުރެއްވިއްޔާ އެ އަމާޒަށް ވާސިލުވެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދީގޮތުން ހޯދާ ކުރިއެރުންތަކާއެކު ރާއްޖޭގެ އިގްތިސާދުވެސް ދެ ގުނަ ބޮޑުވެ، އަންނަ އަަހަރު ދައުލަތުގެ އާމްދަނީ 50 ބިލިއަން ރުފިޔާއަށް އަރާނެކަމަށެވެ.

ރައީސް ވިދާޅުވީ އިގްތިސާދީގޮތުން ހޯދަމުންދާ ކުރިއެރުންތަކަކީ ވިސްނުންތެރިކަމާއެކު ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު