އާރުޑީސީގެ ފައިސާތަކެއް އެ ކުންފުނީގެ ވެރިންގެ އެކައުންޓްތަކަށް ޖަމާވިކަމަށް ބުނާ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން ފައިސާ ޖަމާކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދަނީ އާރުޑީސީގެ އެކައުންޓަކުން އެ ކުންފުނީގެ މުވައްޒަފުންގެ އެކައުންޓްތަކަކަށް 13 މިލިއަން ރުފިޔާ ޖަމާވިކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަމުންނެވެ.

މީޑިއާއަކަށް މައުލޫމާތުދެމުން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކުންފުނީގެ ފައިސާއެއް ޖަމާވެފައިވާކަން ތަހުގީގަށް ފާހަގަވެފައި ނެތްކަމަށެވެ. އަދި ފައިސާ ޖަމާވެފައިވަނީ އެ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށްކަމަށާއި، އެއަށްފަހު އެހެން އެކައުންޓުތަކަށް ފައިސާ ފޮނުވާފައިވާކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން މިހާރު ތަހުގީގުކުރަމުން ދަނީ އެއީ ކޮން ބޭނުމަކު ކޮށްފައި ހުރި މުއާމަލާތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ވަކި މީހެއްގެ މައްޗަށް ތުހުމަތެއް ނުކުރެވޭކަމަށެވެ. އަދި ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.

އާރުޑީސީގެ ވެރިންނާއި ގުޅޭގޮތުން ކުރާ ތުހުމަތު އެ ކުންފުނިން ވަނީ މީގެކުރިންވެސް ދޮގުކޮށްފައެވެ. އަދި އެތައް މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު