ދިވެހި ސަރުކާރާއި މިސްރު ސަރުކާރާއި ދެމެދު ބާއްވާ ރަސްމީ މަޝްވަރާތަކެއް މާދަމާ މާލޭގައި އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖެއާއި މިސްރާއި ދެމެދު ބާއްވާ ބައިލެޓްރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންގެ ދެވަނަ ބުރުކަމަށެވެ. މީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 2019 ވަނަ އަހަރު މިސްރުގެ ވެރިރަށް ގާހިރާގައެވެ.



މާދަމާ މާލޭގައި ބާއްވާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނަވާނީ ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީީލެވެ. މިސްރު ސަރުކާރުގެ ފަރާތުން ބައިވެރިވާ ވަފްދުގައި އިސްކޮށް ހުންނަވާނީ އެ ޤައުމުގެ ޚާރިޖިއްޔާގެ އޭޝިޔާގެ ގުޅުންތަކާއިބެހޭ އެސިސްޓަންޓް މިނިސްޓަރ އައިމަން ކަމަލްއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމާއި، ބައިނަލްއަޤްވާމީ މުޖްތަމައުގައި ހުރި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ދިވެހިރާއްޖެއާއި މިސްރަކީ ޒަމާންވީ އެކުވެރި ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި ތަފާތު އެކި ދާއިރާތަކުން ވަނީ ގުޅުންތައް ބަދަހިވެފައެވެ. ޚާއްސަކޮށް ތައުލީމީ ދާއިރާއިން މިސްރާއެކު އޮންނަ ގުޅުން ބޮޑެވެ. އެގޮތުން ރާއްޖޭގައި ކިޔަވައިދިނުމަށް މިސްރު ޓީޗަރުން ހަރަކާތްތެރިވާއިރު، ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މިސްރުގައި ތައުލީމް ހާސިލްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު