މ. މުލީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައި، އެ ޚިދުމަތް ރަސްމީކޮށް މިއަދު އިފްތިިތާހުކޮށްފިއެވެ.

މުލީ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

މުލަކުއަތޮޅު މުލީގައި ހިންގި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަކީ އިންޑިއާ އެގްޒިމް ބޭންކުން ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެސްއެމްސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑުންނެވެ.

މުލީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ މުލީ ރައްޔިތުން އެދެމުންދިޔަ ފެނުގެ ނިޒާމް ޤާއިމްކޮށް ނިމިގެންދިއުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްކަމަށާއި، ކުރިއަށް އޮތީ އެ ހިދުމަތް ރަށުގައި ކޮމިޝަންކުރުންކަމަށެވެ. އަދި އެ މަސައްކަތްވެސް ވަރަށް އަވަހަށް ފުރިހަމަ ކުރެވިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.



ސަރުކާރުން ފެނުގެ ނިޒާމް ޤާއިމްކުރެއްވި މުއްޔަކީ ހޫނުމޫސުމުގައި ބޯފެނަށްޖެހިގެން ފެން ހޯދުމަށް ހުށަހަޅާ ރަށްތަކުގެ ތެރެއިން ރަށެކެވެ. އެހެންކަމުން ފެނުގެ ނިޒާމް ޤާއިމްކުރެވިގެން ދިއުމަކީ އެ ރަށުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.

މުލީގެ އިތުރުން މ އަތޮޅުގެ ގިނަ ރަށްތަކަކީ ހޫނު މޫސުމުގައި ބޯފެނަށް ޖެހުމުގެ ދަތިތައް ކުރިމަތިވާ ރަށްތަކެކެވެ. އެ ހުރިހާ ރަށެއްގައިވެސް ސަރުކާރުން ދަނީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޭގެތެރެއިން ގިނަ ރަށްރަށުގައި ކުރިއަށްގެންދިޔަ މަޝްރޫޢުތައް ވަނީ ނިންމާލާފައެވެ.

ސަރުކާރުގެ އަމާޒަކީ މި ހިނގަމުންދާ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކޮށް ނިންމުމެވެ.



ކިޔުންތެރިންގެ ހިޔާލު