މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މ. އަތޮޅުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީގެ ކޯލިޝަނުން ނަގާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މުލަކުއަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި އެއަތޮޅުގެ ވެރިކަން ކުރާ ރަށް، މުއްޔަށް ވަޑައިގެން އެެރަށުގެ ރައްޔިތުންނާއި މުހާތަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، މީގެ ކުރިން މ.އަތޮޅަކީ އެމްޑީޕީއާއި އެހާ ގާތް އަތޮޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން މ.އަތޮޅަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވުމުގެ ނަތީޖާ އެއްގެ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މުލި ހިމެނޭގޮތަށް މ.އަތޮޅުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ ކޯލިޝަނަށް ލިބޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށާއި އެކަމާ މެދު ޝައްކު ނުކުރަށްވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



"މީގެ ކުރިން އެމްޑީޕީއަކީ، މިދާއިރާއަކީ މިއަތޮޅަކީ އަޅުގަނޑުމެންނާއި އެހާ ގާތް އަތޮޅެއް ނޫން، އެހެން ނަމަވެސް ބަަދަލުވަމުން ބަދަލުވަމުން އައިސް މިއަދު އަޅުގަނޑުމެންނަށް މިއޮތީ އަރާ ހަމަކުރެވިފައި، އިރާދަކުރެއްވިޔާ 9 ސެޕްޓެންބަރުގައި މި ލާ ވޯޓުން މިދާއިރާ އިން އެކަން ހާމަކޮށްދޭނެ ކަން އަޅުގަނޑަށް ހަމަ ޔަގީން،" އިދިކޮޅު ޕީޕިއެމްގެ ބޮޑު ތާއިދެއް އޮންނަ މ.އަތޮޅާ ބެހޭގޮތުން ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މުއްޔަށް އެކަނި ވެސް މިއަހަރުގެ ޖޫން މަހާއި ހަމައަށް 284 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރާއި އަޅާ ބަލާއިރު ރާއްޖެއަށް ހަމަޖެހުމާއި އަމާންކަން ގެނެވިފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު އެނބުރި ދާންވީ އަނެއްކާވެސް ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށްތޯ ނުވަތަ މިހާރު ގެނެވޭ ތަރައްގީއާއެކު ކުރިއަށްދާނީތޯ ވިސްނަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ހިދުމަތްތައް ފަސޭހައިން އަދި ގާތުން ލިބޭ ގޮތް ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު