އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވީ ނާތަހުޒީބީ ވާހަކައެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީީއަށް ނަޝީދު ސޮއިކުރަށްވަން ބޭއްވި ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު ހިތްޕުޅު ހަމަނުޖެހިގެން އުޅުއްވަނީ ޒާތީ މައްސަލައެއްގެ ސަބަބުންކަން ހާމަވާކަމަށެވެ. އަދި ޕާޓީ އާއި ސަރުކާރުގެ ބާރުވެރިކަން އަބަދުވެސް އޮންނަން ޖެހެނީ ވަކި ބައެއްގެ ނުވަތަ ވަކި އާއިލާއެއްގެ އަތްމަތީގައިކަމަށް ނަޝީދާއި ނަޝީދުގެ އަރިސް ބޭފުޅުން ގަބޫލުކުރައްވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިއީ ވަކި ބައެއްގެ ޕާޓީއެއްކަމަށް މަދު ބަޔަކު ދުށްނަމަވެސް، އެކަން ޕާޓީ އުފެއްދެވި ބޭފުޅުންނާއި ޕާޓީގެ އާއްމު މެމްބަރުން ގަބޫލުނުކުރައްވާކަމަށާއި، އެ ބޭފުޅުން މަސައްކަތް ކުރައްވަނީވެސް އެ ވިސްނުމުގައި ނޫންކަމަށެވެ.

"އޭރު އުފެއްދި މީހުން ދެކެވަޑައިނުގަންނަވާ މިއީ ރައީސް ނަޝީދާއި އާއިލާއަށް އުފައްދައި ދޭ ޕާޓީއެއް ކަމަކަށް،" އެމްޑީޕީގެ މެމްބަރުން ތިބޭ ވަޓްސްއަޕް ގްރޫޕެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައިއިރު ލީޑާޝިޕަށް ނަޝީދު އައްޔަންކުރެއްވި ނަމަވެސް، އެއީ ބަދަލުވާ މަގާމުތަކެއްކަމަށެވެ. އަދި މަގާމު ގެއްލުމުން ނަޝީދަށް އުޅެނީ އެކަން ހަޖަމް ނުވެގެންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އެކަން ގަބޫލު ނުކުރެވިގެން މިއުޅެނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވިޔަސް އެއީ ވާނޭ ކަމެއް ނޫންކަމަށާއި އެކަން ކުރަންޖެހޭނީ ހުވަފެނުގައި ކަމަށެވެ. އަދި ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދީ ނަޝީދާއި އަދި ނަފްރަތު ކުރިއަރުވަންކަމަށް ވަނީނަމަ އެކަންކުރަން ޕާޓީ ހެދިދާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީ ރޫޅާލާނެކަމަށް ބުނެ ނަޝީދު ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު އަމަލެއްކަން ފައްޔާޒު ފާހަގަކުރެއްވިއެެވެ.

ޑިމޮކްރެޓްސް ޕާޓީީއަށް ސޮއިކުރަން ބޭއްވި ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކިހިނެއް ކޮންގޮތަކަށް ކަމެއް ވިދާޅެއްނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު