ސަރުކާރުގެ ކަންކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޕެއިނުގައި އިއްޔެ މާލޭގެ ގަލޮޅުގެ ގެތަކަށް ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުންނެެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން ތަރައްގީއަށް ކުރާ ކަންކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށެވެ. އެހެން ކަމުން، މިސަރުކާރުން މިވީ ތަނުގައި ކޮށްދީފައިވާ ކަންކަން ސާފުކޮށް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި އެގޮތަށް ބުނެދީގެން ރައްޔިތުންގެ ތާއީދު ސަރުކާރަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.



"އޮންނާނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކުރުން، މަސައްކަތް ނުކޮށެއް ނުލިބޭނެ. އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތްތައް ރައްޔިތުންނަށް ކިޔައިދޭންޖެހޭނެ، އަނެއް ބަޔަކު އޮޅުވާލައިގެން އެބަ ވާހަކަ ދައްކާ. އެހެންވީމާ އޮޅުމެއްގެ ތެރޭގައި ބައެއް ރައްޔިތުން މިތިބެނީ. ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން އަޅުގަނޑުމެންނަށް އެކަން އެބަ ފާހަގަކުރެވޭ، އެހެންވީމަ މިއަދު އަޅުގަނޑުމެން ކުރަންވެފައި އޮތް ކަމަކީ ސަރުކާރުން މިދިޔަ ފަސް އަހަރު ތެރޭގައި ކޮށްދީފައިވާ ކަންކަމާއި ދިމާވި ދަތިތައް ރައްޔިތުންނަށް ހާމަކޮށްދިނުން، އޭރުން މިކަން ހިނގާ ގޮތް ރައްޔިތުންނަށް އެނގޭނެ،" ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ 2018 ގައި ކެމްޕޭނު ތެރޭގައި އެހުރި ފޯރި އަލުން އަނބުރާ ގެނަސް އެ ނަތީޖާ ނެރުއްވުމަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބު އެއްްބުރުން ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށާއި އެމަންޒަރު މިހާރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު