މުޞްޙަފް އެންދުމާއި ގުޅިގެން އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ބޭއްވި އަރޖެންޓް ޑިބޭޓްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދިވިދިގެން ހިނގަމުންދާ ކީރިތި ޤުރުއާނުގެ މުޞްޙަފް އެންދުމުގެ ހާދިޘާތަކާ ގުޅިގެން މިކަން އިތުރަށް ތަކުރާރުވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ މައި މަރުކަޒުގައި 2 ޖުލައި 2023 ވަނަ ދުވަހު އެޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމެއްވެސް ބޭއްވުނުކަމަށެވެ. އަދި އެ ބައްދަލުވުމުގެ ފައިނަލް ކޮމިއުނިކޭގައި އޯ.އައި.ސީ. ގެ މެމްބަރު ޤައުމުތަކުން ވަނީ މިމައްސަލަ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިހާރު ހިނގަމުންދާ އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމަށް ޤަރާރެއް ހުށަހަޅައި، މިކަމާ މެދު ކުއްލި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހުށަހެޅުމަށް އެއްބަސްވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އޯ.އައި.ސީ. ގެ އެދުމުގެ މަތިން، އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފު އެންދުމުގެ ހާދިޘާތަކާ ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި އިއްޔެ އެމަޖިލީހުގެ 53ވަނަ ބައްދަލުވުމުގެ ތެރެއިން އަރޖެންޓް ޑިބޭޓްއެއް ބާއްވާފައިވާކަމަށެވެ.



މިޑިބޭޓްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައި ވަނީ ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަޙްމަދެވެ.

މިޑިބޭޓްގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން ދާއިމީ މަންދޫބު ދެއްވި ޚިތާބުގައި އެމަނިކުފާނު ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފު އެންދުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށާއި މިފަދަ ޢަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމަޢުގެ ހަމަޖެހުމާއި މަސަލަސްކަން ޤާއިމުކުރުމަށް މިފަދަ ޢަމަލުތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.

ދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިއްވަރުދޭ ޢަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އޯ.އައި.ސީން ވަނީ އިސްވެދެންނެވުނު ޑިބޭޓްގެ ތެރެއިން ޤަރާރެއްވެސް ހުށަހަޅާފައެވެ. އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 28 މެމްބަރު ޤައުމެއްގެ ތާޢީދުލިބި އެމަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިޤަރާރު ވަނީ ފާސްވެފައެވެ. އޯ.އައި.ސީގެ މެމްބަރު ޤައުމެއްގެ ހައިޘިއްޔަތުން ދިވެހިރާއްޖެއިން ވޯޓުލާފައިވަނީ މިޤަރާރާ އެއްކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު