ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތަކަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯދިވަރުގެ ކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެކަން ހާސިލުކުރެއްވޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޔަގީންކަން އެބައޮތް ބޮޑު ނަތީޖާއަކުން އެއްބުރުން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެކަމުގެ،" ރައީސް ވިދާޅުވިއެވެ.



ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު މަސައްކަތެއް ކުރަނީ މިދިޔަ 5 އަހަރު ތެރޭގައި ކުރެވުނު ކަންކަން ރައްޔިތުންނަށް ތަފްސީލީ ގޮތެއްގައި ކިޔައިދިނުންކަމަށެވެ. އަދި އެކަންކުރަން ޖެހޭ މައިގަނޑު ސަބަބަކީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ކަންކަން ވަރަށް ބޮޑަށް އޮޅުވާލަމުންދާތީ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މާލެ މީހުންނަށް ގޯތި ދިނުމާއި ގުޅޭގޮތުން އަދިވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. ނަމަވެސް އެއީ ޝައްކު ކުރަންޖެހޭކަމެއް ނޫންކަމަށާއި، މި ދައުރުގެ ތެރޭގައި އެކަންކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ސާލިހު މިއަދު ކުރިއަށްގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން އެމަނިކުފާނު ވަނީ ގަލޮޅު ދެކުނު ދާއިރާގެ ބައެއް ގޭގެއަށް ޒިތާރަތްކުރައްވާފައެވެ. އެމަނިކުފާނު އަރިހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު