މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރުއަތު ނަގައިފިއެވެ.

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖުތައް ހިންގާ ފަރާތްތަކަށް އެ މަސައްކަތަށް ބޭނުންވާނެ ބިން ދޫކުރަން ކަނޑައަޅާ 23 ޕްލޮޓެއް އަރބަންކޯގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުންކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އެގޮތުން 23 ޕްލޮޓަށް 190 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

އަރބަންކޯއިން ވަނީ 23 ޕްލޮޓުގެ ހައްޤުވެރިން ކަނޑައެޅުމުގައި ހުށަހަޅާފައިވާ ފޯމުތަކުގައިވާ މަޢުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ. މި ސާވޭގައި ތޮއްޖެހިފައިވާ ނުވަތަ އާންމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ވަނީ ބަލާފައެވެ. އަދި މީގެތެރެއިން ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށް ހާއްސަކަމެއް ދީފައިވާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އަރބަންކޯއިން ގަރާޖުތަކަށް ބިން ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 1297 އަކަފޫޓާއި 1447 އަކަފޫޓުގެ ޕްލޮޓް ހިމެނެއެވެ. އަދި ލިބުނު ތަރުހީބަށް ބަލައި، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓުތަކެއް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު