ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ކުރީގެ ރައީސް، ރައީސް ޔާމިން އަބްދުލް ގައްޔޫމަށްވެސް ލިބިގެންވާކަމަށާއި، އެހެންކަމުން އެމަނިކުފާނަށްވެސް އިންސާފުވެރި ޝަރީޢަތެއް ޙައްގުވާނޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ލިބެންޖެހޭނެކަމަށް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް އިދިކޮޅު ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހައިކޯޓުގައި އޮތް، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައާ މެދު ކޯޓުން ނިންމާގޮތަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމާއި ނުކުރެއްވުމުގެ ނިންމުން ބިނާވާނެކަމެކެވެ. ނަމަވެސް އެ މައްސަލައިގައި ޝަރީޢަތްތައް ކެންސަލްވެ، އެންމެފަހުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުން ޗުއްޓީ ނަންގަވަމުންދާތީ އިދިކޮޅު ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕީޕީއެމްގެ އިސްބޭފުޅުން މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއިވެސް ބައްދަލުކުރައްވާފައެވެ.

ގާސިމް މިއަދު ކުުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރުކުރުންކަމަށެވެ. އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ ހައްޤުތަައް ފުރިހަމައަށް ލިބެންޖެހޭކަމަށާއި އެއީ ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫނުއަސާސީން ލިބިދޭ އަސާސީ ހައްޤެއްގެ އިތުރުން އެއީ އިންސާނީ ހައްްޤެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލުވެރިކަމާއި ހަމަހަމަކަމާއެކު، އިންސާފު ޤާއިމް ކުރެވެންވާނެކަމަށެވެ.

"މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯއެވެ؟!،" ގާސިމް ވިދާޅުވިއެވެ.



ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ހޯއްދަވައިދެއްވުމަށް ގާސިމް ގޮވާލައްވާފައިވާއިރު މީގެކުރިންވެސް ގާސިމް ވަނީ ރައީސް ޔަމީނާއިމެދު ކަންތައް ކުރަންވާނީ އިންސާފުވެރިކޮށްކަމަށް ވިދާޅުވެފައެވެ.

ފާޙަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީނާއި ގުޅޭގޮތުން ގާސިމް ވާހަކަފުޅު ދައްކަވާފައި މިވަނީ ޕީޕީއެމާއެކު މިިއަދު ސިޔާސީ ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާޙަކަތަކެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ގާސިމާއި އިދިކޮޅުން ބައްދަލުކޮށްފައިވާއިރު ގާސިމް ވަނީ އެމަނިކުފާނާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޕީޕީއެމަށް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު