ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަކީ ދައުލަތުގެ ފައިސާ ނަގާނެ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނަށް އެމްއެމްޕީއާރުސީގެ ހިިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ޤަބޫލުނުކުރައްވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިން ވަނީ ރައީސް ސާލިހު ކަޅު ދަބަހެއްގައި ފައިސާ އުފުލިކަމަށް ވިދާޅުވެ އަލީ ވަހީދު މީގެކުރިން ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުންވެސް ސުވާލުކޮށްފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުުވީ ރައީސް ސާލީހަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށް ދޭހަވާގޮތަށް މީގެކުރިން ވާހަކަ ދެއްކެވީ އޭނާއާ ދެކޮޅަށް މަސައްކަތްކުރާ މީހުން ހޯދުމުގެ ގޮތުން އޮޅުވާލަންކަމަށެވެ.

"އަޅުގަނޑު އެ ދުވަހު އެ ނޫސްކޮންފަރެންސެއް ބޭނުން ކުރީ ސްމޯކްސްކްރީނަކަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަޅުގަނޑު އެ ލަފްޒު އަމާޒުކޮށްލީ ސްމޯކްސްރީން އަކަށް. އެއީ އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ބައެއްތޯ ބަލަން، ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައިވެސް އޮވޭ." އަލީ ވަހީދު ވިދާޅުވިއެެވެ.

އަލީ ވިދާޅުވީ ރައީސް ސާލިހަކީ ދައުލަތުގެ ފައިސާ ނަންގަވަންޖެހޭ ވަރުގެ ބޭފުޅެއް ނޫންކަމަށާއި އެއީ އެއަށް ވުރެ ތަނަވަސް ބޭފުޅެއް ކަމަށެވެ.

އަލީ ވިދާޅުވީ ބަޔަކު ރޭޕްކުރިކަމަށް ބުނެ އޭނާ ފްރޭމްކުރީ ރައީސް ސާލިހު ނުވަތަ އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ނޫންކަމަށެވެ. ނަމަވެސް އެކަމުގެ ފަހަތުގައި ތިބި ބަޔަކު އަލީ ހާމަކޮށްފައެއް ނުވެއެވެ.

ކޯޓުގައި މައްސަލަ ކުރިއަށްދަނިކޮށް އަލީ ވަހީދު ރާއްޖޭން ފުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހުއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު