މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެކަމަށާއި، އެތަންތަނުގެ ސަބަބުން ޒުވާނުންނަށްވެސް ފައިދާކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ތައްޔާރީތައްވަމުން ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އަތޮޅުތެރޭގައިވެސް އެފަދަ މަރުކަޒުތައް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާކަމަށާއި، އަދި ވަރަށް އަވަހަށް ހުޅުމާލޭގައިވެސް އެފަދަ މަރުކަޒެއް ޤާއިމްކުރެވިގެން ދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އިސްރަށްވެހިންނަށް ނޫންކަމަށާއި، އެމަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއަދު އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ، މާޒީގައި، ޤައުމަށް އަދި ދިވެހިދައުލަތަށް އިޚްލާޞްތެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތަކުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޤައުމެއް ކުރިއަރައި ދަނީ އެކި އުމުރުފުރާގެ ހުރިހާއެންމެންގެ ވިސްނުމާއި ފިކުރު ކަންތައްތަކުގައި ބޭނުންކޮށްގެން ކަމަށެވެ.

މިޖަލްސާގައި، މަޑުލު މުޙައްމަދު ވަހީދު ލިޔުއްވައި، އިސްރަށްވެހިންގެ ޖަމިއްޔާއަށް ހަދިޔާކުރައްވާފައިވާ "ދިވެހި އިސްރަށްވެހިންނަށް ލޯތްބާއި އެކު" ފޮތް، ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މީގެއިތުރުން މިޖަލްސާގައި ވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރު، އަދި ދައުލަތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ ބަދުރުއްނަޞީރު ލިޔުއްވާފައިވާ ފޮތް، "ޚިދުމަތުގެ ހަނދާންތައް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް ވެދުމަށް އަރުވާފައެވެ.

މިފޮތަކީ، (ނ.ދ.ޝ.ޢ) ބަދުރުއްނަޞީރު، އެބޭފުޅާގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި، ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ.



ކިޔުންތެރިންގެ ހިޔާލު