އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ޤާނޫނީ ކުށެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ފަަހަކަށް އައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، އެކަމުގެ ސަބަބުން ބައެއް މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ހާދިސާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޝަމީމްގެ ބްލޮގްގައި ލިޔުއްވި އާޓިކަލްއެއްގައި އޭނާ ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމުގެ އެއް އަސާސަކީ، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުންކަމަށާއި، އެއާގުޅޭ ދެވަނަ އަސާސަކީ، މީހެއްގެ ޢަމަލެއްގެ ސަބަބުން އަނެކާއަށް ހާނިއްކައެއްވާ ޙާލަތުގައި، އެކަމަކީ ޤާނޫނުގައި ޖިނާއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްނަމަ، އެކަމުގެ ޤާނޫނީ ޒިންމާ އުފުލުންކަމަށެވެ.



ޝަމީމް ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓުތަކަކީ އެޒާތުގެ ކަމެއްކަމަށާއި ރާއްޖޭގެ ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަގުމަތީގެ އެކްސިޑެންޓުތަކުގެ ޙާލަތުތަކުގައި، ކުށުގެ ޒިންމާ އުފުލަންނުޖެހޭކަމަށް ބައެއް ޤާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާކަމަށެވެ. ނަމަވެސް އެކަން އޮތީ އެހެން ނޫންކަން ޝަމީމް ފާހަގަކުރެއްވިއެވެ.

"އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ޤާނޫނީ ކުށެއް،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ އާޓިކަލްގައި ވަނީ އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ޤާނޫނީ ކުށެއް ވަރަށް ތަފުސީލްކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން އެއީ ކުށަކަށްވާ ގޮތާއި، ކުށެެއްކަމަށް ކަނޑައަޅާފައިވާ މާއްދާތައް ޝަމީމު ވަނީ ބަޔާންކޮށްދެއްވާފައެވެ.

"މީހަކު ކުޅަ ޢަމަލެއް (އެއީ، ބަލަންވާ ވަރަށް ނުބަލައި، ގަވާއިދާ ޚިލާފަށް އެއްގަމުގައި ދުއްވާ އެއްޗެއް ދުއްވުމު) ގެ ސަބަބުން، އަނެކާގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަކީ ކުށުގެ ޢަމަލެކެވެ. އެ ޢަމަލުގެ ސަބަބުން ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ ބާބު (މެރުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެއެވެ. ފުރާނަ ނުގެއްލޭވަރުގެ ޢަމަލެއްނަމަ، 120 ވަނަ ބާބު (ޖެހުމާއި، ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެއެވެ،" އެކްސިޑެންޓްތަކުގެ މައްސަލަ ކުށަކަށްވާ ގޮތް ބަޔާންކޮށްދެއްވަމުން ޝަމީމް ވިދާޅުވިއެވެ.

އެކްސިޑެންްޓްތަކުގެ މައްސަލަތައް ކުށަކަށް ވަނީ ކީއްވެކަން ބަޔާންކޮށްދެއްވުމަށްފަހު ޝަމީމް ވަނީ އެ ކުށްކުރުމުގެ ނިޔަތާ ގުޅޭ ޢުންޞުރު ނުވަތަ ރުކުން ސާބިތުކުރާނެ ގޮތްވެސް ވިދާޅުވެދެއްވާފައެވެ.

ޝަމީމް ވިދާޅުވީ ކޮންމެ ކުށެއް ބަޔާންކުރާ މާއްދާއެއްގައިވެސް، އެކުށުގެ ޢަމަލުގައި ނިޔަތް ސާބިތުކޮށްދޭންޖެހޭ މިންވަރު ލިޔެފައި އޮންނާނެކަމަށެވެ. އަދި ކުށް ބަޔާންކުރާ މާއްދާގައި ވަކި ދަރަޖައެއް ލިޔެފައި ނެތްނަމަ، ނިޔަތުގެ ދަރަޖައަކީ އަބަދުވެސް ފަރުވާކުޑަ ޢަމަލެއްގެ މިންވަރުކަމަށް ޝަމީމް ވިދާޅުވިއެވެ.



"މިސާލަކަށް، 110 ވަނަ މާއްދާގައި ކުށް މާނަކޮށްފައި އޮތީ؛ "އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެކެވެ." މިހެންނެވެ. މިޢިބާރާތުން، ނިޔަތުގެ މިންވަރަކީ 'އެނގިހުރުން' ކަން ސާފުކޮށް އެނގެއެވެ. ނަމަވެސް، ނިޔަތުގެ ސާބިތުކޮށްދޭންޖެހޭ "އެނގިހުރުން"ގެ މިންވަރަށްވުރެ މަތިން "ޤަޞްދު" ސާބިތުކޮށްދެވިއްޖެނަމަ، އަދަބުގެ ދަރަޖަ މަތިކުރެވޭނެއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެކްސިޑެންޓް މައްސަލަތަކުގައި ނިޔަތް ސާބިތުކުރެވޭނެކަމަށެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި އެކްސިޑެންޓްގެ ނިޔަތާ އޮތް ގުޅުން ޝަމީމް ވިދާޅުވެދެއްވިއެވެ.

"އެއްގަމުގައި (ނުވަތަ ކަނޑުގައިވިޔަސް) އުޅަނދު ދުއްވުމަށް ވަކި ލައިސަންސެއް ނަގަން ޖެހުމުގެ މާނައަކީ، އެ ލައިސަންސް ނެތް މީހަކަށް، ރައްކާތެރިކަމާއެކު ވެހިކަލެއް ދުއްވުމުގެ ޤާބިލުކަން ނުހުންނާނެކަން، ޤާނޫނުން ޤަބޫލުކުރުމެވެ. އެއީ، ކިތަންމެ ދުވަހަކު ވެހިކަލް ދުއްވާ، އެކަމަށް އާދަވެފައި ހުރި މީހަކަށް ވިޔަސްވެހެވެ. ހަމަ އެގޮތަށް، ރާއްޖެއިން ބޭރުގައި ލައިސަންސް އޮތް މީހަކަށް، ދިވެހިރާއްޖޭގައި އުޅަނދު ދުއްވުމުގެ ވަކި ލައިސަންސެއް އޮންނަންޖެހެއެވެ. އޭގެ ބޭނުމަކީ، އެ ޤައުމެއްގެ ގަވާއިދުތަކާއި އުޞޫލުތައް އެނގިފައި އޮތްކަން ކަށަވަރު ކުރުމެވެ." ޝަމީމް ވިދާޅުވިއެވެ.



އެކްސިޑެންޓެއްވާއިރު، އެމީހާގެ އަތުގައި ލައިސަންސެއް ނެތްނަމަ، އެއީ އޭގެ ޒާތުގައި ފަރުވާކުޑަ ޢަމަލެއްކަމަށް ޤާނޫނުން ޤަބޫލުކުރާތީ، ނިޔަތުގެ ދަރަޖައެއްގެ ގޮތުގައި އޮތް 'ފަރުވާކުޑަ ޢަމަލު' އެމީހާގައި ފުރިހަމަވާކަމަށް ބަލަންޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެމައްސަލައެއްގެ ތަޙުޤީޤުން، އެމީހާ އެކަން ކުރީ ޤަޞްދުގައިކަން އެނގޭނަމަ، ނިޔަތުގެ މަތީ ދަރަޖައެއް ސާބިތުކުރެވިދާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"ދެން އޮތީ، އެކްސިޑެންޓެއްވާއިރު، ދެމީހުންގެ އިހުމާލު އޮންނަ ޙާލަތުގައި ހަދާނެގޮތާބެހޭ ސުވާލެވެ. މި މައުޟޫޢު ގޮސް ގުޅެނީ، ކުށުގެ ތުހުމަތުގައި ހުންނަ މީހާއަށް ލިބޭ ދިފާޢުތަކާއެވެ. އެވާހަކަ، ޤާނޫނުލްޢުޤޫބާތުގެ ދިފާޢުތަކާބެހޭ ބައިގައި ލިޔެފައި އެބައޮތެވެ. އެކަމުގެ ތެދުދޮގުވެސް އެނގޭނީ ތަޙްޤީޤުކޮށް ބެލުމުންނެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެކްސިޑެންޓުވުމަކީ ކުށެއް ނޫންކަމަށް ބެލުމަކީ ޤާނޫނީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެގޮތަށް ޤާނޫނު މާނަކުރާނަމަ، މީހަކަށް ޙަމަލާއެއް، ގެއްލުމެއް ދޭން ބޭނުންނަމަ، އެމީހާގައި އެކްސިޑެންޓުކޮށްލައިގެން، އޭނާގެ ފުރާނައާއި ހަށިގަނޑަށް ގެއްލުން ދިނުމަށް ހުއްދަ ކުރެވެނީކަމަށާއި އެއީ ޤާނޫނު ހުއްދަކުރާނެ ކަމެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



ޝަމީމް ވިދާޅުވީ މިހާރު ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ ދައުވާކުރުމުގެ ސިޔާސަތު އޮތީވެސް، އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއް ކަމަށް ބެލުމަށްކަމަށެވެ. އަދި އެކުށުގެ ޢަމަލު ތަޙްޤީޤީ އިދާރާތަކުން ބަލައި، އެކަމުގެ ވަށައިގެންވާ ކަންކަމަށް ބަލައި، ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުށުގެ ޢުންޞުރުތައް ސާބިތުކުރެވިދާނެކަމަށް ފެންނާތީ، އެގޮތަށް ހުށަހެޅި މަދުވެގެން 4 މައްސަލައެއް މިހާރުވެސް ކޯޓުތަކަށް ހުށަހެޅި ހިނގަމުންދާކަމަށެވެ. އަދި އެއް މައްސަލަ ސާބިތުވާކަމަށް ޙުކުމްވެސް ކުރައްވާފައިވާކަމަށާއި، ވީމާ، އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ ޤާނޫނީ ހަމައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައި އޮތް ކަމެއްކަމަށްވެސް ޝަމީމް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު