ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދެމުން، ހެޔޮވެރިކަމެއް ކޮށްދެއްވޭނެކަން ސާބިތުކޮށްދެއްވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުކަމަށް، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ފެއްޓެވުމަށް ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި، ރައީސް ސާލިހުއަށް ތާއީދު ކުރުމަށް ނިންމި ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ އޭނާ ރައީސް ސާލިހަށް ތާއީދުކުރަން ނިންމި ސަބަބާއި ގުޅޭގޮތުން ވަރަށް ގިނަ ބަޔަކު އޭނާއާ ސުވާލުކުރަމުންދާކަމަށެވެ.

ރައީސް ސާލިހަށް ތާއީދުކުރަން ނިންމި ސަބަބުތައް ހާމަކުރައްވަމުން މަޖިލީހުގައި 4 ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ސިޔާމް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި އެހެން ބައެއް ރައީސުންގެ ވެރިކަން ތަޖުރިބާ ކުރެއްވިއްޖެކަމަށެވެ. ނަމަވެސް މީހުންނާއި ގުޅިގެން، މީހުން ގޮވައިގެން މަސައްކަތްކުރަން އެނގޭ ވެރިޔަކު ރައީސް ސާލީހު ފިޔަވައި ނެތްކަމަށެވެ.

ސިޔާމް ވިދާޅުވީ ކޯލިޝަނަކާއެކު ގާއިމްކުރި ވެރިކަން، އެގޮތުގައި އޮވެގެން 5 އަހަރު ފުރިހަމަކުރެއްވުމުން ސާބިރުކޮށްދެނީ ރައީސް ސާލިހުގެ ކިބައިގައި ވެރިކަންކުރުމުގެ ގާބިލްކަން ހުރިކަންކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ރައީސް ސާލިހު ފިޔަވައި ކޯލިޝަން ސަރުކާރެއް 5 އަހަރު ވަންދެން ހިންގުނު ބޭފުޅެއް ނެތްކަންވެސް ސިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނެސް، ވައުދުތައް ފުއްދޭނީވެސް ވެރިކަމަށް އަންނަ ކޯލިޝަން ދަމަހައްޓައިގެންކަމަށެވެ.

"އަޅުގަނޑު މިހާ ހިސާބަށް ދެކުނު، ކޯލިޝަނެއް ފަސް އަހަރުވަންދެން ފުރިހަމަކަމާއެކު މައްސަލައެއް ނެތި ހިންގެވި ރައީސަކަށް އަޅުގަނޑަށް ފެނުނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު،" ސިޔާމް ވިދާޅުވިއެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ރިސޯޓްތައް ހިންގަވަމުން ގެންދަވާ ސަން ސިޔާމްގެ ވާހަކައިގައި ވަނީ ކޯވިޑްގެ ދުވަސްވަރު ރައީސް ސާލިހު ކުރެއްވި މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ސިޔާމް ވިދާޅުވީ ކޯވިޑާއި ގުޅިގެން ކުރިމަތިވި ކަންތައްތަކުގައި އަމަލުކުރަންވީ ގޮތާއި ގުޅޭގޮތުން ރައީސް ފުރަތަމަ މަޝްވަރާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ހިމެނޭކަމަށެވެ. އަދި އެކަމުގައި ޢަމަލު ކުރަންވީ ގޮތުގެ ލަފާއާއި މަޝްވަރާ ރައީސް އައްސަވަމުން ގެންދެވިކަން ސިޔާމް ފާހަގަކުރެއްވިއެވެ.

ސިޔާމް ވިދާޅުވީ ކޯވިޑްގެ ތެރޭގައި ރާއްޖެ ބަނގުރޫޓްނުވެ ސަލާމަތްވީ ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށްގެން، ނިންމެވި ނިންމެވުންތަކުގެ ސަބަބުންކަމަށެވެ. އަދި ވެރިކަމަށް ގާބިލް ނޫން، ނުަވަތަ ރައްޔިތުންނާމެދު ނުވިސްނާ ވެރިޔަކު ހުރިނަމަ ރާއްޖޭގެ އިގްތިސާދު ހަލާކުވެ، ރައްޔިތުން ހާލުގައި ޖެހުނީސްކަމަށް ސިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު