މީގެކުރިން ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކާއެކު ކޯލިޝަން ހަަދަން އެއްވެސް ބަޔަކު ބޭނުންނުވާކަމަށާއި، އެހެންކަމުން މިއީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބަށް ނިކުންނަ ފުރަތަމަ ފަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފޯކައިދޫގައި އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އައު ޤާނޫނުއަސާސީ މީގެކުރިން ރާއްޖޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް ކެނޑިޑޭޓުން ބައިވެރިވީ އެކި ކޯލިޝަންތައް ހަދައިގެންކަމަށާއި، އަދި ވެރިކަން ހޯދީވެސް ކޯލިޝަންތަކާއެކުކަމަށެވެ.

ރައީސް ވިދާޅުވީ ކޯލިޝަންތަކާއެކު ވެރިކަމަށް އައުމަށްފަހު ދެން ކަންތައް ވެގެންދިޔަ ގޮތް މިދިޔަ 3 ދައުރުގައިވެސް ފެނިގެންދިޔަކަމަށެވެ.

"މިއީ 4 ވަނަ އިންތިހާބު. 2008 ވަނަ އަހަރު ކޯލިޝަނަާއެކު ވަޑައިގެންނެވި ސަރުކާރަށް ވީ ގޮތް ހަދާޏްކުރަންޖެހޭ. 21 ވަނަ ދުވަހު ކޯލިޝަން ރޫޅިއްޖެ، އުމުރު ހަމަނުވަނީސް އޭރު އޮތް ވެރިކަން ބަދަލުވެ، ނައިބު ރައީސް ވެރިކަމަށް ވަޑައިގެންނެވި ގޮތް ހަނދާންކުރަންޖެހޭ. 2013ގައިވެސް ހެދީ ކޯލިޝަން ސަރުކާރެއް. ކުޑަދުވަސްކޮޅެއް ނުވެ އަނެއްކާވެސް އެ ކޯލިޝަން ރޫޅިއްޖެ. ދެން ކުރިމަތިވީ މާ ނުރައްކާތެރި ކަންތައްތަކެއް އެ ވެރިކަމުގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މި ހިނގަމުންދާ 5 އަހަރަށްވެސް ރައްޔިތުން އިންތިހާބުކުރީ ކޯލިޝަން ސަރުކާރެއްކަމަށާއި ނަމަވެސް އެ ކޯލިޝަން ސަރުކާރުން އަމަލުކުރީ މީގެކުރީގެ ކޯލިޝަން ސަރުކާރުތަކުން އަމަލުކުރިގޮތަށް ނޫންކަމަށެވެ. އަދި ރައްޔިތުން އިންތިހާބު ކުރި ގޮތަށް އެ ކޯލިޝަން ސަރުކާރު އެބައޮތްކަމަށާއި، ރާއްޖޭގައި އޮތް ހަމަޖެހުމުގެ ސިއްރަކީ ކޯލިޝަން ދެމިއޮތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށްވެސް ސަރުކާރެއް އިންތިހާބުކުރަން އެމްޑީޕީން ނިކުންނަނީ އަނެއްކާވެސް ކޯލިޝަނާއެކުކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މީގެކުރިން ވެރިކަމުގައި ހުންނަވާ ބޭފުޅަކާއެކު ކޯލިޝަން ހަދާނެ ބަޔަކު ނުވާކަމަށާއި، މީގެކުރިން ވެރިކަމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުގައި ވާދަކުރައްވަނީ އެކަނިކަމަށެވެ. އަދި މިއީ ރާއްޖޭގެ ވެރިކަމުގައި އޮންނަ ޕާޓީއާއެކު ކޯލިޝަނެއް ހަދައިގެން އިންތިހާބަށް ނިކުންނަ ފުރަތަމަ ފަހަރުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިފަހަރުގެ އިންތިހާބުގައި ރައީސް ސާލިހުއަށް ތާއީދުކުރުމަށް ނިންމާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ. މިއީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން 10 ހާސް މެމްބަރުން ހަމަވާ މަދު ޕާޓީތަކުގެ ތެރެއިން ދެ ޕާޓީއެވެ.



ކިޔުންތެރިންގެ ހިޔާލު