ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ށ. ފޯކައިދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ ނިންމުން އެ ރަށުގައި ފާހަގަކޮށްފިއެވެ.

ފޯކައިދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ ރައީސް ސާލިހު މިއަދު އެ ރަށަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިންނެވެ.

މިގޮތުން މިއަދު ހަވީރު އެރަށުގައި ވަކި ވަކިން ކުރިޔަށް ގެންދިޔަ ތިން ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފައެވެ.



ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފަށާފައި ވާއިރު، ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއެކު ސޯލަރ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިޔަށްގެންގޮސްފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު