ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލާ ނިމުމުން ވޯޓްލާ މަރުކަޒުތަކުގައި ހުންނަ ބާކީވާ ވޯޓް ކަރުދާސްތައް ފާހަގަވާފަދަ ލޯވަޅެއް އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ވޯޓްލާ ނިމުމުން ބާކީވާ ވޯޓް ކަރުދާސްތަކަށް ހަދާނެ ގޮތަކާއި މެދު ޕާޓީތަކުގެ މެދުގައި އޮތީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ހުށަހަޅާފައި އޮތީ ވޯޓްލާ ނިމުމާއެކު ބާކީވާ ވޯޓް ކަރުދާސްތައް ނައްތާލުމަށެވެ. އަދި އެހެން ޕާޓީތަކުންވެސް ވަނީ ބާކީވާ ވޯޓް ކަރުދާސްތައް ސިޓީ އުރައަށް އަޅާ ބަންދުކުރުމުގެ ކުރިން އެނގޭނެ ފަދަ ފާހަގައެއް ޖަހަންޖެހޭކަން ފާހަގަކޮށްފައެވެ. ނަމަވެސް ވޯޓް ކަރުދާސް ނައްތާލާން ގާނޫނުގައި ކަނޑައަޅާފައިވާ މަރުހަލާގެ ކުރިން ކަރުދާސްތައް ނައްތާލުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއްނޫންކަން އިލެކްޝަނުން ފާހަގަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބާއި ގުޅޭގޮތުން ލަފާދޭ ކޮމިޓީން ދީފައިވާ ލަފާތަކާމެދު މަޝްވަރާކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ ވޯޓްލާ ނިމުމުން ބާކީވާ ވޯޓް ކަރުދާސްތައް އެނގޭފަދަ ގޮތަކަށް ޕަންޗަރަކުން ލޯވަޅެއް އެޅުމަށްކަމަށެވެ.

"ވޯޓު ކަރުދާސްތައް ޤާނޫނީގޮތުން ނައްތާލަން ޖެހުމުގެ ކުރިން ނައްތާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އެހެންކަމުން ކޮމިޝަނަށް ލަފާދޭ ކޮމިޓީން ލަފާ ދީފައި އޮތްގޮތުގެ މައްޗަށް އަޅުގަނޑުމެން ވިސްނާފައި ކޮމިޝަނުން ނިންމީ ބާކީ ހުންނަ ވޯޓު ކަރުދާސް ޕަންޗުކޮށްފައި ލޯވަޅެއް އަޅަން،" ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ހަބީބް ވިދާޅުވިއެވެ.

ގާނޫނުގައި އޮންނަ ގޮތުން ވޯޓް ކަރުދާސްތައް ނައްތާލުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ހުރެއެވެ. އެގޮތުން އިންތިޚާބުތަކާއި ބެހޭ ޤާނޫނު ބުނާގޮތުން ވޯޓު ކަރުދާސްތައް ނައްތާލެވޭނީ ވޯޓުލާ ނިމި ކޯޓުތަކުގައި އިންތިޚާބާއި ގުޅިގެން ހިންގާ މައްސަލަތައް ނިމޭތާ 14 ދުވަސް ފަހުންނެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު