ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި މިނިވަންކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނުލިބޭނެކަމަށާއި، ރާއްޖޭގައި ބާއްވާ ފެންވަރަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިހާބެއް ބޭއްވޭނީ މަދު ޤައުމެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުތަކުގެ މަސައްކަތުގައި އޭނާ އުޅުއްވާތާ އެތައް ދުވަހެއްވެފައިވާކަމަށާއި، ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ މިނިވަން އިންތިހާބުތަކެއް ކަމަށެވެ.

ހަބީބް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާފައިވާ އިންތިހާބުތައް އޭނާ އޮބްޒާވްކުރައްވާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެމެރިކާއާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ އިންތިހާބުތައް ހިމެނޭކަމަށެވެ. ނަމަވެސް ރާއްޖޭގައި ބާއްވާ ފެންވަރަށް އިންތިހާބެއް ބޭއްވޭނީ މަދު ޤައުމަކަށްކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރާއްޖޭގައި ވޯޓްލުމުގެ މަސައްކަތްތައް އިންތިޒާމްކޮށްފައިވަނީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަކަށްކަމުން، އިންތިހާބީ ނިޒާމާއިމެދު ޝަކުވާއެއް އުފައްދާނެ އެއްވެސް ޖާގައެއް ނުލިބޭނެކަމަށެވެ. އަދި ރާއްޖޭގައި ބާއްވާފައިވާ އިންތިހާބުތައް އޮބްޒާވްކޮށްފައިވާ ފަރާތްތަކުން ރާއްޖޭގެ އިންތިހާބުތަކުގައި މަކަރު ހެދޭނެ ފުރުސަތެއްް ނޯންނަކަން ފާހަގަކުރައްވާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

"އަޅުގަނޑު ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެއްޖެ މިކަމުގެ ތެރޭގައި އުޅޭތާ. ވަރަށް ގިނަ ގައުމުތަކެއްގެ އިންތިހާބުތަކެއް އޮބްޒާވްކޮށްފިން. އެކަމަކު އަޅުގަނޑުމެން މި އިންތިހާބުތައް ބާއްވާ ފެންވަރަކަށް ނުބޭއްވޭ އިތުރު ބަޔަކަށް. އެމެރިކާގައިވެސް މި ފެންވަަރަކަށް ނުބޭއްވޭ. އަޅުގަނޑު އެމެރިކާގެ އިންތިހާބުވެސް އޮބްޒާވްކުރިން،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރާއްޖޭގެ އިންތިހާބީ ނިޒާމު ހަރުދަނާކަމާއިމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ. އަދި އިންތިހާބުގައި މަކަރު ނުހެދޭނެކަން ކަށަވަރުކަން އިންތިހާބުތައް އޮބްޒާވްކުރާ ޖަމުއިއްޔާތަކުންވެސް ފާހަގަކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރާއްޖޭގެ އިންތިހާބީ ނިޒާމާއި މެދު ސުވާލު އުފައްދާނެ ޖާގަ ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއްވިނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާމެދު ސުވާލު އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު