އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިޚާބު ހިނގާގޮތް ބެލުމަށް އީޔޫގެ ވަފްދެއް ފޮނުވާތީ ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ވިލާތުގެ އިއްތިހާދު، އީޔޫއިން ވަނީ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އީޔޫ އިލެކްޝަން އޮބްޒަވޭޝަން މިޝަނެއް ރާއްޖެއަށް ފޮނުވުމަށް ނިންމާފައެވެ.

ސަރުކާރުން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ އީޔޫގެ ނިންމުމަށް ސަރުކާރުން މަރުހަބާ ކިޔާކަމަށާއި، އީޔޫއަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި، ވަރުގަދަކުރުމަށް އަބަދުވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ ފަރާތެއްކަމަށެވެ. އަދި އީޔޫއިން އޮބްޒާވަރުންގެ ޓީމެއް ފޮނުވަން ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރަން އީޔޫއިން ދޭ އިސްކަން ހާމަވާ ކަމެއްކަމަށްވެސް ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.



ސަރުކާރުން ބުނީ މިނިވަން އިންސާފުވެރި ވާދަވެރި އިންތިހާބުތަކަކީ ޑިމޮކްރަސީގެ ބިންގާކަމަށާއި، އެއީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ވަރަށް މުހިއްމުކަމެއްކަމަށެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އީޔޫއިން ރާއްޖެއަށް ވަފްދެއް ފޮނުވަން ނިންމީ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށެވެ.

ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާއިރު، މިހާރު ދަނީ އިންތިހާބާއި ގުޅޭގޮތުން ވާންޖެހޭ ތައްޔާރީތައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު