ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލައިފިއެވެ.

ގައްބަރޭއާއި ގުޅޭގޮތުން ހުށަހެޅި މިމައްސަލައާއި ގުޅިގެން އޭނާ ހޯދަން އިއުލާންކުރުމުން ގައްބަރޭ އަމިއްލައަށް ފުލުހުންނާއި ހަވާލުވީ މިދިޔަ މޭމަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ ބަންދުކުރުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދިޔައީ އެކި ފަހަރުމަތިން އިތުރުކުރަމުންނެވެ.

ފުލުުހުންގެ އޮފިޝަލަކު ވިދާޅުވީ އިބްރާހީމް އަބްދުﷲގެ ބަންދުގެ މުއްދަތު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ ޝަރުތުތައް ހާމަކޮށްފައެއް ނުވެއެވެ.

ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން މެންބަރު ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މޭމަހުގެ އެއްވަނަ ދުވަހުގެ ފަތިހު 5:08 ހާއިރުއެވެ. އެ މައްސަލައިގައި ގައްބަރޭގެ އިތުރުން އެހެން ދެ މީހަކުވެސް ހައްޔަރުކުރިއެވެ.

ގައްބަރޭއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.



ކިޔުންތެރިންގެ ހިޔާލު