ބޮޑެތި ސިޔާސީ ޕާޓީތަކުން އިންތިހާބުގައި ވާދަނުކުރުމަށް ގޮވާލަނީ ނިޒާމު ބަލިކަށިކުރުމަށްކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކެނޑިޑޭޓެއް ނުނެރުމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ނަޝީދު ވަނީ ރައީސް ޔާމީނާއި އެމަނިކުފާނު ފަހަަތަށް ޖެހުމަށްފަހު އެހެން ކެނޑިޑޭޓެއް ދެއްކުމަށް ހުށަހަޅުއްވާފައެވެ.

އަލީ ނިޒާރު މިއަދު ވިދާޅުވީ ބޮޑެތި ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގައި ވާދަނުކުރަން ގޮވާލަނީ ނިޒާމު ބަލިކަށިކޮށް، އޭގެ ނާޖާއިޒު ފައިދާ ނެގުމަށްކަމަށެވެ. އަދި އެއީ ބާރުގައި ދެމިތިބެވޭނެ ގޮތް ހޯދުމަށް ކުރާ ކަމެއްކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވީ 2018 ވަަނަ އަހަރު އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީގެ ތެރެއިންވެސް އެ ލަވަ ކިޔާ އުޅުނުކަމަށެވެ. އަދި އެ ރާގަށް ނެށި ބަޔަކުވެސް އުޅުނުކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.



ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމިން ވާދަނުކުރަށްވައި އެހެން ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވިި ހުށަހެޅުއްވުން ބަލައިނުގަންނާނެކަމަށް ބުނެ ޕީޕީއެމްގެ އިސް ބޭފުޅުން ދަނީ އެމަނިކުފާނަށް ރައްދު ދެއްވަމުންނެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އެހެން ކެނޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ލީޑަރޝިޕުން ތަކުރާރުކޮށް ބުނަމުންދަނީ ރައީސް ޔާމީން ފިޔަވައި އިތުރު ކެންޑިޑޭޓެއްގެ ވާހަކަ އެ ޕާޓީން ނުދައްކާނެކަމަށެވެ. އަދި ރައީސް ޔާމިންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ކޮޅުގައި އޮންނާނެކަމަށްވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު