ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމިން ވާދަނުކޮށް އެހެން ކެންޑިޑޭޓަކަށް ތާއީދުކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވިި ހުށަހެޅުން ބަލައިނުގަންނާނެކަމަށް ބުނެ ޕީޕީއެމްގެ އިސް ބޭފުޅުން ރައްދު ދެއްވަޢިފިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އެހެން ކެނޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ މީހުންވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެ މީޙުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،" ގުޅިގެން ކެނޑިޑޭޓެއް ނެރުމުގެ ދައުވަތު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ރައީސް ނަޝީދުގެ ހުށަހެޅުން ބަލައިނުގަންނާނެކަން ހާމަކުރަށްވާފައެވެ.



ޕީޕީއެމް ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެކަމަށާއި، ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީންގެ ޒައާމަތެއް ދެކެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ. ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައިދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެގެން. އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ." އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމުން ވަނީ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށްފަހު، ކެމްޕެއިން ފަށާފައިކަމަށެވެ. އަދި ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސް އުޅެނީ ވަރަށް ފަހަތުގައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.



ގުޅިހެން ކެނޑިޑޭޓެއް ނެރުމަށް ނަޝީދު ދެއްވި ދައުވަތަށް ޕީޕީއެމުން ދެކޮޅު ހަދާފައިވާއިރު، މީގެކުރިން ޖުމްހޫރީ ޕާޓީން ހުށަހެޅި ހުށަހެޅުމަށްވެސް ޕީޕީއެމުން ވަނީ ނޫނެކޭ ބުނެފައެވެ.

ޕީޕީއެމްގެ ލީޑަރޝިޕުން ތަކުރާރުކޮށް ބުނަމުންދަނީ ރައީސް ޔާމީން ފިޔަވައި އިތުރު ކެންޑިޑޭޓެއްގެ ވާހަކަ އެ ޕާޓީން ނުދައްކާނެކަމަށެވެ. އަދި ރައީސް ޔާމިންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ކޮޅުގައި އޮންނާނެކަމަށްވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު