ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ގުޅިގެން ކެނޑިޑޭޓެއް ނެރުމުގެ ދައުވަތު ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމީނަށް ދެއްވައިފިއެވެ.

ރައީސް ނަޝީދު މި ދައުވަތު ދެއްވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މީގެކުރިން ރައީސް ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ރައީސް ނަޝީދު ރޭ ވަނީ ގިނަ ބަޔަކު ބައިވެރިވި މިޖަލްސާގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބާއި ގުޅޭގޮތުން ތަފާތު ދިރާސާތައް ހަދަމުންދާއިރު، އޭގެ ނަތީޖާއިން ކަންތައްތަކެއް ހާމަވާކަމަށެވެ. އެގޮތުން ގިނަ ބަޔަކު އަދިވެސް ތިބީ ގޮތެއް ނުނިންމަވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"ހިޔާލު ހޯދުމުގެ ވޯޓުތަކުން އެބަ ބުނޭ ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ގޮތެއް ނުނިންމައޭ. ރައީސް ސާލިހަށް ލިބޭނީ 15 ޕަސަންޓޭ، އަޅުގަނޑަށް ލިބޭނީ 6 ޕަސަންޓޭ. ރައީސް ޔާމީނަށް ލިބޭނީ 18 ޕަސަންޓޭ. ރާއްޖޭގެ ގިނަ ރައްޔިތުން، 55 ޕަސަންޓް ރައްޔިތުން ތިބީ ގޮތެއް ނުނިންމައޭ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 55 ޕަސަންޓް މީހުން ގޮތެއް ނުނިންމާ އެ ތިބީ ރައީސް ސާލިހު އިންތިހާބުގައި ވާދަކުރައްވާނެކަން ތަކުރާރުކޮށް ވިދާޅުވަމުންދާއިރުކަމަށެވެ. އެހެންކަމުން އެއީ ރައީސް ސާލިހަށް ތާއީދެއް ނެތްކަން ހާމަވާކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

"ރައީސް ސާލިހަށް އެނގިވަޑައިގަންނަވާނެ ގޮތެއް ނުނިންމަވާ 55 ޕަސަންޓް މީޙުން އެ ތިބީ އެ ބޭފުޅާ ދެވަނަ ދައުރެއްގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން ދަނިކޮށްކަން. އަޅުގަނޑު ނުބުނަން އަޅުގަނޑު ކުރިމަތިލާ ވާޙަކައެއްވެސް. ރައީސް ޔާމީން ހުންނެވީ ޖަލުގައި އެކަމަކުވެސް 18 ޕަސަންޓް އެބަ ލިބިވަޑައިގަންނަވާ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހުން ޖަލުގައި ތިބޭ މަންޒަރު ދެކެން ބޭނުންވާ މީހެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީނަކީ މިދިޔަ 5 އަހަރު ރާއްޖޭގެ ވެރިކަންކުރެއްވުމުގެ އިތުރުން ގިނަ ހިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ.

ރައީސް ޔާމީނަށް ތައުރީފްގެ ބަސްތައް އަމުނާލެއްވުމަށްފަހު ރައީސް ނަޝީދުގެ އެދުން ހުށަހެޅުއްވީ ވަރަށް ފަށުވި، ޗާލު އިބާރާތްތަކަކުންނެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އިތުރު ކެނޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ މީހުންވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެ މީޙުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،" ގުޅިގެން ކެނޑިޑޭޓެއް ނެރުމުގެ ދައުވަތު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.



މިއީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރުމަށް ބޭނުންވެގެން އެކަން ރައީސް ނަޝީދު އެމަނިކުފާނަށް ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ. އަދި މިފަދަ ދައުވަތެއް ނަޝީދު ދެއްވާފައިވާއިރު، ޕީޕީއެމާއި ރައީސް ނަޝީދާއި ދެމެދު މަޝްވަރާތަކެއް ކުރިއަށްދާކަންވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު